ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެދުކެނޑުމެއް ނެތި ދިވެހި ރައްޔިތުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދިން އެންމެ މުހިއްމު އެއް މުޢައްސަސާއަކީ ރޭޑިއޯ: ނައިބު ރައީސް

މެދުކެނޑުމެއް ނެތި ދިވެހި ރައްޔިތުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދިން އެންމެ މުހިއްމު އެއް މުޢައްސަސާއަކީ ރޭޑިއޯ: ނައިބު ރައީސް

މެދުކެނޑުމެއް ނެތި ދިވެހި ރައްޔިތުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދިން އެންމެ މުހިއްމު އެއް މުޢައްސަސާއަކީ ރޭޑިއޯ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރު ދުވަހު، ދިވެހިރާއްޖޭގެ އަޑުގެ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމުއައްސަސާގެ ޚިދުމަތްތަކަށް އަލިއަޅުވާލައްވަމުން، ތެދު މަޢުލޫމާތާއި، ޚަބަރާއި، މުނިފޫހިފިލުވުމުގެ އިތުރުން އެތައް ބައިވަރު މަޢުލޫމާތުތަކެއް މެދުކެނޑުމެއް ނެތި ދިވެހި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ރޭޑިއޯ އަދާކޮށްފައިވާ މުހިއްމު ދައުރު ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި ޤައުމަށް މެދުކެނޑުމެއް ނެތި 62 އަހަރު ނިމި 63 އަހަރު ފެށިގެންދާއިރު، އިޖުތިމާޢީ ގޮތުން މުޖުތަމަޢު ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޭތިއްބުމަށްޓަކައި، ތެދު މަޢުލޫމާތުތަކާއި ޚަބަރާއި މުނިފޫހިފިލުވުމާއި، އެތައް ބައިވަރު މަޢުލޫމާތުތަކެއް ދިވެހި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިން މެދުކެނޑުމެއް ނެތި ފޯރުކޮށްދިން އެންމެ މުހިއްމު އެއް މުއައްސަސާއަކީ ރޭޑިއޯގެ ޒަރިއްޔާއިން ފޯރުކޮށްދެވުނު ޚަބަރުތަކާއި މަޢުލޫމާތުތައް ކަމަށެވެ. އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އަޑުން މެދުކެނޑުމެއް ނެތި ކުރި މަސައްކަތުގައި، ހުރިހާ ވެރިންނަށާއި ހުރިހާ މުވައްޒަފުންނަށް ޝުކުރުދަންނަވައިފައެވެ.

ރޭޑިއޯގެ ހަނދާންތަކާއި ގުޅޭގޮތުން ވެސް ޕްރޮގްރާމްގައި ނައިބު ރައީސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ، ހެނދުނު ދިވެހިރާއްޖޭގެ އަޑުން އަންނަ ޕްރޮގްރާމްތަކަކީ އެމަނިކުފާނު އެންމެ ހަނދުމަފުޅު ހުންނަ ޕްރޮގްރާމްތައް ކަމަށެވެ. އަދި، ސްކޫލަށް ވަޑައިގެންނެވި ދުވަސްވަރު ހެނދުނު ގަޑީގައި އަޑުއިވިވަޑައިގެންނެވި މަޢުލޫމާތުތައް ހަނދުމަފުޅު ހުންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރޭޑިއޯގެ ޚިދުމަތަށް 63 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ބާއްޖަވެރި ހެނދުނުގެ ޚާއްޞަ ޕްރޮގްރާމްގައި ނައިބު ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފެށީ 1962 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ. އޭރު އުފެދުނީ މާލޭ ރޭޑިއޯގެ ނަމުގައި އުފެދުނު ރޭޑިއޯ ސްޓޭޝަނެކެވެ. އެއީ، އޭރުގެ ރައީސް އިބްރާހީމް ނާޞިރުގެ އިސްނެންގެވުމަކަށް ރާއްޖޭގައި ފެށުނު ޚިދުމަތެކެވެ. މާލޭ ރޭޑިއޯގެ ނަން ދިވެހިރާއްޖޭގެ އަޑުގެ ނަމަށް ބަދަލުކުރީ ރޭޑިއޯ އަށް 36 އަހަރު ފުރުމުގެ މުނާސަބަތުގައި އޭރުގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް އެވެ.

ދިވެހިރާއްޖޭގެ އަޑު ތަރައްޤީވަމުން ގޮސް 1981 ވަނަ އަހަރު ވަނީ އާ ޓްރާންސްމީޓަރުތައް ބަހައްޓައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އެ ޚިދުމަތް ދޭން ފަށައިފަ އެވެ. އަދި، މިހާރު ދިވެހިރާއްޖޭގެ އަޑަކީ މެދުކެނޑުމެއް ނެތި 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ސްޓޭޝަނެކެވެ.