ދެމެހެއްޓެނިވި ގޮތެއްގައި ސުލްހަ ކުރިއެރުވުމަށް ކުޅިވަރުގެ ދައުރު ފުޅާކުރުމަކީ އަމާޒެއް: ރައީސް
ސުލްޙައާއި ދެމެހެއްޓެނިވިކަން ކުރިއެރުވުމަށްޓަކައި، ވަރުގަދަ ވަސީލަތަކަށް ކުޅިވަރު ހެދުމަކީ ތަޞައްވުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމަނިކުފާނުގެ ތަޞައްވުރަކީ ސުލްޙައާއި ދެމެހެއްޓެނިވިކަން ކުރިއެރުވުމަށްޓަކައި ވަރުގަދަ ވަސީލަތެއްގެ ގޮތުގައި ކުޅިވަރުގެ ދައުރު ހަރުދަނާކުރުން ކަމަށެވެ.
Ads by BMLއަދި އެ މަސައްކަތުގައި ހަމަހަމަ އަދި ހުރިހާ ފަރާތްތަކެއް ބައިވެރިވާ މުޖުތަމަޢެއް އުފެއްދުމަކީވެސް ތަޞައްވުރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ދިގު މުއްދަތަކަށް ކުރިއެރުމަށްޓަކައި 20 އަހަރުގެ ނެޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.
އަދި މިއީ ކޮންމެ މީހަކަށްވެސް ކުޅިވަރުގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކުޅިވަރުގެ މައިދާނުގައި ހަމަހަމަ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
"އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" އަކީ މުޖުތަމަޢުގެ ތަރައްޤީއާއި ހަމަޖެހުމުގައި ކުޅިވަރުގެ ބާރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.
މިއަހަރުގެ މިދުވަހުގެ ޝިއާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ "ލެވެލިން ދަ ޕްލޭއިން ފީލްޑް: ސްޕޯޓްސް ފޯ ސޯޝަލް އިންކްލޫޝަން" އެވެ.
Ads by MACL
