މަސްވެރިކަމުގެ ފައިދާ ދެގުނައަށް އިތުރުކުރާނަން: މިނިސްޓަރ ޝިޔާމް
މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާ ދެގުނައަށް އިތުރުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 62 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤްސަދަކީ މަސްވެރިކަމުގެ ދާއިރާގައި ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ހައްލެއް ހޯދައި، ދިވެހި މަސްވެރިންނަށް އެކަށީގެންވާ އަގެއް ހޯދައިދިނުމެވެ.
މިނިސްޓަރ ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށް މީގެ ކުރިން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.
Ads by BMLރާއްޖޭގައި ބާނާ މަސް ޕްރޮސެސްކޮށް، އޭގެ އަގު މަތިކޮށްގެން ބޭރުގެ ބާޒާރުތަކަށް ފޮނުވުމުގެ ވާހަކައަކީ މީގެ ހަތަރު ދިހަ އަހަރު ކުރިން ފެށިގެން ދެކެވެމުން އަންނަ ވާހަކައެއް ނަމަވެސް، އެކަމަށް އަމަލީ ސިފައެއް ގެނައުމަށް ކުރެވުނު މަސައްކަތްތައް މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ރާއްޖޭގައި ގާއިމުކުރެވިފައިވަނީ ފެލިވަރުގައި ހުރި 50 ޓަނުގެ އެންމެ ފެކްޓްރީއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ރާއްޖެއިން ބޭރުކުރާ ހުރިހާ މަހަކީ އަގު އެއްކުރެވިފައިވާ އުފެއްދުންތަކަށް ހެދުން ކަމަށެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް އިންވެސްޓްމަންޓްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސް ޕްރޮސެސްކުރާ މިންވަރު މިހާރު ހުރި 50 ޓަނުން 300 ޓަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ބޮޑު ބަދަލު 2026 ވަނަ އަހަރު ފެންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މަސްވެރިކަމުން އަހަރަކު ލިބޭ 92 މިލިއަން ޑޮލަރުގެ އާމްދަނީ، މި ފަސް އަހަރުގެ ތެރޭގައި 270 ނުވަތަ 280 މިލިއަން ޑޮލަރަށް އިތުރުކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމަށް ޚަރަދު މިކުރަނީ އިރާދަކުރެއްވިއްޔާ މިހާރު ހުރި ކެޕޭސިޓީ އަޅުގަނޑުމެން އެތައް ގުނައެއް މިކުރަނީ އިނގޭތޯ. ގާތްގަނޑަކަށް 50 ޓަނު އަޅުގަނޑުމެން 300 ޓަނަށް އަޅުގަނޑުމެން އިތުރު މިކުރަނީ. އެ މަސައްކަތްތަކުގެ ބޮޑު މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ 2026 ވަނަ އަހަރު ފެނިގެންދާނެ،" މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓަކީ މަސްވެރިކަމަށް ހާއްސަ އިސްކަމެއް ދީފައިވާ ބަޖެޓެއް ކަމަށާއި، މިހާރު ފަށާފައިވާ ކޯލްޑް ސްޓޯރޭޖްތަކުގެ މަސައްކަތްތައް 2026 ގެ ނިޔަލަށް ނިންމައި، އޭގެ ތެރެއިން ބައެއް ތަންތަން ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ ރޭވުމެއް ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން މަސްވެރިންނަށް އެމީހުންގެ މަހަށް ހެޔޮ އަގެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by MACL
