ކުށްކުރާ ގުރޫޕެއް 'ގޭންގެއް'ގެ ގޮތުގައި ކަނޑައަޅަން ޕީޖީއަށް ހުށަހަޅައިފި
ކުށްކުރާ ގުރޫޕެއް ރަސްމީކޮށް 'ގޭންގެއް'ގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މައްސަލައެއް ހުށަހަޅާފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤް އާދަމް ވިދާޅުވީ، ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އެއް މައްސަލަ މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ދީފައިވާ ގާނޫނީ ލަފަޔާ އެއްގޮތަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ފުލުހުން މިހާރު ކުރިއަށްގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްޙާޤް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލޭގެ އިތުރުން އަތޮޅުތެރޭގައި ހަރަކާތްތެރިވާ ގުރޫޕުތަކުގެ ތެރެއިން ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނީ ގޮތުން ޝަރުތުހަމަވާ ފަރާތްތަކަކީ ކޮބައިތޯ ބަލައި ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މިއަހަރުގެ އޮގަސްޓް މަހު އަމަލުކުރަން ފެށި "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު" އާއެކު، ގޭންގުތަކުން ހިންގާ ކުށްތައް މަދުވަމުންދާކަން ފާހަގަކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by BMLއައު ޤާނޫނުގެ ދަށުން ވަކި ބަޔަކީ ގޭންގެއް ކަމަށް ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ މަރުހަލާތަކެއް އޮވެއެވެ. އެގޮތުން ފުލުހުން މައްސަލަ ހުށަހެޅުމުން، ޕީޖީ އޮފީހުން އެ މައްސަލަ ދިރާސާކުރުމަށްފަހު ހައި ކޯޓަށް ހުށަހަޅަންޖެހެއެވެ. ވަކި ބަޔަކީ ގޭންގެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާނީ ހައި ކޯޓުންނެވެ.
Ads by MACL
