ކޭ ޕާކް މައްސަލަ: މަންޑޭއަށް ދިގު ހުކުމެއް، 397 އަހަރަށް ޖަލަށް!
ކޭ ޕާކް ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، އޮޅުވާލައި، މަނީ ލޯންޑާ ކުރި މައްސަލާގައި ކޭ ޕާކް ތަރައްގީކުރާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) އަށް 397 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލާގައި އޭނާއާ އެކު ދައުވާ ލިބުނު ޖައިޝާން ސައީދުގެ މައްޗަށް ވެސް ވަނީ 150 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އިއްވާފަ އެވެ.
މަންޑޭގެ މައްޗަށް ޖުމްލަ 94 ދައުވާއެއް ސާބިތުވިއިރު، އޭނާގެ މައްޗަށް 390 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައީ ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމަކާއި، މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. މީގެ އިތުރުން، މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
Ads by BMLއެ މައްސަލާގައި މަންޑޭއާ އެކު ދައުވާލިބުނު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން 86 ދައުވާ މިހާތަނަށް ސާބިތުވެ، އޭނާގެ މައްޗަށް އިއްވީ 150 އަހަރަށް ވުރެ ދިގު ޖަލު ހުކުމެކެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާގައި 139 އަހަރުގެ ޖަލު ހުކުމަކާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 13 އަހަރުގެ ޖަލު ހުކުމަކާއި، މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެވެ.
އެ ދެ މީހުން ޖަލަށްލުމުގެ އިތުރުން، އެ މީހުން ފައިސާ ނެގި މީހުންނަށް އެ ފައިސާ ހަ މަސް ދުވަސް ތެރޭގައި އަނބުރާ ދިނުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލާގައި ހުކުމުގެ އެއް ބައި ގޭ ބަންދާއި ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމަށާއި ހުކުމުގެ ފުރަތަމަ ބައި ގޭ ބަންދުގައި ތަންފީޒު ކުރަން ޖައިޝާންގެ ފަރާތުން އެދުނަސް، އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ އެކަން ބަދަލު ނުކުރެވޭނެ ކަމަށް ނިންމަވާފަ އެވެ.
ގާޒީ ނަދީމް ވިދާޅުވީ، އެ ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ހާލަތްތަކެއް ހުރި ކަމަށެވެ. އަދި އެ މީހުން ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އެހެން މީހުންނަށް އިބްރަތަކަށް ވާނެ ފަދަ އަދަބެއް އެ ދެ މީހުންނަށް ދޭންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެން ނަމަވެސް، ދެން ބާކީ ހުރި 16 ދައުވާ ސާބިތުނުވާ ކަމަށް ގާޒީ ނަދީމް މިއަދު ނިންމެވި އެވެ.
Ads by MACL
