ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެއްތުމަށް ސަރުކާރުން ތައްޔާރުވެއްޖެ

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ---
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ---

ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެއްތުމަށާއި، އެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން މި އަހަރުގެ ތެރޭގައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއެވެ. މި މަސައްކަތުގެ އަމާޒަކީ ދިވެހިންނަށް ގިނަ ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ، އިޤްތިސާދަށް ބޭރު ފައިސާ ވެއްދުމެވެ.

މިނިސްޓަރ އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ކުރިއެރުވުމާ ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންނާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. "މާތް ﷲ ގެ ވާގިފުޅާއެކު، މި 2026 ވަނަ އަހަރު ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެން ދާނެ. އަދި މި ދާއިރާއިން ކުރިއެރުންތަކެއް ހޯދުމަކީ އަމާޒެއް،" މިނިސްޓަރ ވިދާޅުވިއެވެ. މި އިޢުލާނަކީ ރާއްޖޭގެ މެރިޓައިމް ސެކްޓަރަށް އަންނަ މުސްތަޤްބަލުގެ ބަދަލުތަކުގެ ފެށުންކަމަށް ބެލެވެއެވެ.

މި ސިނާޢަތުގެ ތަރައްޤީއަށް ބޭނުންވާ ލަފާ ހޯދުމަށްޓަކައި، ފަންނީ ތަޖުރިބާކާރުން ހިމެނޭހެން އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލައި، މަސައްކަތްތައް ތަރުތީބު ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ކޮމިޓީގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެއްތުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް މަގުޗަންދާ ދިނުމެވެ.

ކަނޑު ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 200 އަށްވުރެ ގިނަ ދިވެވެހިން ބޯޓުދަތުރުކުރުމުގެ ދާއިރާއަށް ނުކުމެފައިވާ ކަމަށެވެ. މިކަން ރައީސް ފާހަގަކުރެއްވީ ގާތްގަނޑަކަށް 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފެށުނު ކަމެއްގެ ގޮތުގައެވެ. މި ކުރިއެރުމަކީ ދިވެހި ޒުވާނުންނަށް ބައިނަލްއަޤުވާމީ ފެންވަރުގެ ވަޒީފާތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ފުރުޞަތު ފަހިވެގެންދިޔައީ ސަރުކާރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ސީފެއާ އައިޑެންޓިފިކޭޝަން ޑޮކިއުމަންޓް (އެސް.އައި.ޑީ) ދޫކުރަން ފެށުމުންނެވެ. "އެ ޑޮކިއުމަންޓް އިޝޫކުރަން ފެށީމަ، މި ސަރުކާރުން މިދިޔަ ދެ އަހަރު ތެރޭގައި، 200 އަށްވުރެ ގިނަ ސީފައިރަސް ވަނީ ވަޒީފާ ސެކުއާކޮށްފައި، ދުނިޔޭގެ މަޝްހޫރު ޝިޕިންގލައިންތަކުން،" ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ. މިއީ ދިވެހިރާއްޖޭގެ މެރިޓައިމް ސެކްޓަރަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ދެކެވިދާނެއެވެ.

މި ދާއިރާ ފުޅާވުމުގެ ސަބަބުން ރާއްޖެއަށް ބޭރުފައިސާ ވަނުމުގެ އިތުރުން ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މި ހިނގާ ދައުރުގެ ތެރޭގައި މަދުވެގެން 500 ދިވެހިން ބޯޓުދަތުރުކުރުމުގެ ދާއިރާއަށް ނެރުން ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެކަމަށް ބެލެވެއެވެ.