ޗޮކްލެޓް ސިރަޕްފުޅިތަކުގައި ޑްރަގް އެތެރެކުރި ކުންފުނީގެ ވެރިޔާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި
ގިނަ އަދަދެއްގެ މަސްތުވާތަކެތި ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އެތެރެކުރި މައްސަލައިގައި، "ރާސް މޯލްޑިވްސް" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދިލް (57އ) ގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަސް ދީފި އެވެ. މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި ހަޝިޝް އޮއިލްގެ 40 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވަނީ މި ކުންފުނިން އެތެރެކުރި މުދާތަކެއްގެ ތެރެއިންނެވެ.
ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ފުރަތަމަ 5 ދުވަސް ދިނުމަށްފަހު، އެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް ހާޒިރުކުރުމުން ތަހުގީގަށް އިތުރު 15 ދުވަސް ޖަހާފައިވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ބޭނުމުގަ އެވެ. މި މައްސަލައިގެ ތަހުގީގަށް އާދިލްގެ ބަންދަށް ދެވިފައިވާ މި މުއްދަތާއެކު މިހާރު އޭނާގެ ބަންދަށް ޖުމްލަ 20 ދުވަސް ވަނީ ހަމަވެފަ އެވެ.
މި މައްސަލައިގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ބަލައިފާސްކުރި މުދާތަކުގެ ތެރެއިންނެވެ. 10 ފޮށިގަނޑެއްގައި ހުރި ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރެއިން ފެނުނު 40 ކިލޯއަށް ވުރެ ގިނަ ހަޝިޝް އޮއިލްގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށް ކަސްޓަމްސްއިން އަންދާޒާކުރެ އެވެ. މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ކުރި ބޮޑު މަސައްކަތެއް ހުއްޓުވުނު މުހިންމު އޮޕަރޭޝަނެކެވެ.
Ads by BMLމި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެވަނަ މީހާއަކީ އެ ކުންފުނީގެ މުދާ ކްލިއާ ކުރުމަށް ކަސްޓަމްސްއަށް ދިޔަ ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ (47އ) އެވެ. އޭނާ ހައްޔަރުކުރީ ޑިސެމްބަރު 26 ވަނަ ދުވަހު ކަމަށްވާއިރު، އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ކުރިން އޭނާގެ ބަންދަށް 5 ދުވަސް ޖެހި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެ، މިއަދު އެކަން ވަނީ އިސްލާހުކޮށްފަ އެވެ.
ރާސް މޯލްޑިވްސްއަކީ މީގެ 16 އަހަރު ކުރިން ރަޖިސްޓަރީކޮށްގެން ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކުރާ ކުންފުންޏެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާގޮތުގައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދިލްގެ އިތުރުން މި ކުންފުނީގައި ދެން ހިއްސާ އޮންނަނީ އަންހެނެކެވެ. މި ބޮޑު މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން މިހާރުވެސް ދަނީ ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގަމުންނެވެ.
Ads by MACL
