އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ހުށަހެޅި "ރީ-އެމްޕްލޯއިމަންޓްގެ ބިލު" ފާސްކޮށްފި
ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ހުށަހެޅި ”ރީ-އެމްޕްލޯއިމަންޓްގެ ބިލު“ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްވުމާއެކު ދައުލަތުގެ ތަޖުރިބާކާރު މުވައްޒަފުންނަށް ވަޒީފާގައި ދެމިތިބެ، ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު އިތުރަށް ބޮޑުވެގެންދާނެއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރުމަށްފަހު، ޖުމްލަ 46 މެންބަރުންގެ ވޯޓުންނެވެ. ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލަކީ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތަޖުރިބާއާއި ހުނަރުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް މަގުފަހިކޮށްދޭނެ ބިލެކެވެ.
މި ޤާނޫނުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށެވެ. މީގެ އިތުރުން، މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްގުވާ އުމުރު ހަމަވެގެން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް އަލުން ވަޒީފާ ހަމަޖައްސައިދިނުމުގެ ފުރުޞަތު ލިބޭނެއެވެ.
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެއާ އެކަށީގެންވާ އެހެން މަގާމަކަށްވެސް އައްޔަންކުރެވިދާނެއެވެ. ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ ހަ މަސް ދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭއިރު، ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުން ޤާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެއެވެ.
މި ބިލުގައިވާ ގޮތުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މި އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަން ނުލިބުނު ކަމުގައިވިޔަސް، ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަން ފައިސާ ލިބޭނެއެވެ.
ނަމަވެސް، މި ބިލު ޤާނޫނަކަށް ވެގެން އަންނައިރު، ބައެއް ދާއިރާތަކުގެ ބޭފުޅުން މި ޤާނޫނުން އިސްތިސްނާވެއެވެ. އެގޮތުން ސިފައިންނާއި، ފުލުހުންނާއި، ފަނޑިޔާރުންގެ އިތުރުން ޤާނޫނުއަސާސީއާއި ވަކި ޤާނޫނުތަކުގެ ދަށުން އައްޔަން ކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ޤާނޫނު ނުހިނގާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
Ads by MACL
