ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑރ. ޢާއިޝަތު ރަމީލާ ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސްގެ މަޤާމަށް އައްޔަންކުރަން ފާސްކޮށްފި

ޑރ. ޢާއިޝަތު ރަމީލާ ---
ޑރ. ޢާއިޝަތު ރަމީލާ ---

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސްގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާއެއްގައި 38 މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ނިންމުމާއެކު، އޭނާ ވަނީ މި މުހިއްމު މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް މަގުފަހިވެފައެވެ.

ޑރ. ރަމީލާ އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި މައްސަލަ، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ. ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، އެ މަޤާމަށް އޭނާ އައްޔަންކުރަން ފެންނަ ކަމަށް ނިންމުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މިކަން މިއަދު ފާސްކުރީއެވެ.

ޑރ. ޢާއިޝަތު ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރ މިނިސްޓަރުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. ނަމަވެސް، ސިއްހީ ހާލަތު ހުރިގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ޑރ. ރަމީލާ ވަނީ ވަޒީރުކަމުން އިސްތިއުފާ ދެއްވާފައެވެ. އެޗްއާރްސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހެވެ.

އެޗްއާރުސީއެމްގައި މިވަގުތު 5 މެންބަރުން ތިއްބަވައެވެ. އެއީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމް އަދި މިހާރު ރައީސްގެ މަޤާމަށް ފާސްކުރެވުނު ޑރ. ޢާއިޝަތު ރަމީލާއެވެ. ކޮމިޝަންގެ ރައީސާގެ ހައިސިއްޔަތުން ޑރ. ރަމީލާއަށް މިކޮމިޝަން އިތުރަށް ހަރުދަނާކޮށް، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށް ބެލެވެއެވެ.