ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫޢުގެ ސައިޓް އޭގެ 64 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދަނީ ---
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދަނީ ---

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ އުއްމީދީ މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢުގެ ދަށުން، 'ސައިޓް އޭ' އިން 64 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިސްވެ ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މުޅި މަޝްރޫޢު އަންނަ މާޗު މަހުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވެއެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބޮޑު މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްދާއިރު، މިހާރު މަސައްކަތް ކުރިއަށްދާ 'ސައިޓް އޭ' އަކީ ޖުމްލަ 138 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދެކެވެ. މި ސަރަޙައްދުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފަށާފައިވާއިރު، މިހާތަނަށް ވަނީ އޭގެ ތެރެއިން 64 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ލީޑު ކުރަމުންދާ މި މަސައްކަތުގައި، 'ސައިޓް އޭ' އިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދޮޅު ހެކްޓަރުގެ ބިން ހިއްކަމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. މަސައްކަތް އަވަސްކުރުމަށްޓަކައި، ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ 'ކްރިސްޓަބަލް ކޮލޯން' ވެސް ދަނީ ބޭނުންކުރަމުންނެވެ. މި ބޮޑު ޑްރެޖަރަކީ މަސައްކަތުގެ ބާރުމިން އިތުރުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވާ ވަސީލަތެކެވެ.

ރަސްމާލެ ހިއްކުމުގެ ބޮޑު މަޝްރޫޢުގައި އެމްއޭސީއެލްގެ އިތުރުން ބޭރުގެ ބޮޑެތި ކުންފުނިތަކުން ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި، އިންޑިއާގެ މޯހަން މުތާގެ އިތުރުން ޗައިނާ ހާބަރ އިންޖިނިއަރިންގް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ މާޗު މަހުގެ ނިޔަލަށް މުޅި ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބި، ދިރިއުޅުމަށް ފަހިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.