ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު: ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި

ލޯކަލް ކައުންސިލް އިންތިޚާބު: ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމައި، އެ އިންތިޚާބުތަކުގައި ވޯޓުލާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު މިހާރު ވަނީ އާންމުކޮށްފައެވެ.

294,937 ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ރައްޔިތުންނަށް ފަސޭހަ ކުރުމަށްޓަކައި، މާލެ ސަރަޙައްދާއި އަތޮޅުތަކުގެ އިތުރުން ރިސޯޓުތަކާއި ޖަލުތަކުގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޖުމްލަ 240 ވޯޓު ފޮށި ބެހެއްޓޭނެއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން، އެހެން އިންތިޚާބުތަކެކޭ އެއްފަދައިން މިފަހަރުވެސް ރިސޯޓުތަކާއި ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އެގޮތުން، ރިސޯޓުތަކުގައި 50 ފޮށި، ޖަލުތަކުގައި ފަސް ފޮށި، އަދި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި ތިން ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ރާއްޖެއިން ބޭރުގައި މެލޭޝިއާގެ ކުއަލަލަމްޕޫރާއި، ސްރީލަންކާގެ ކޮލަމްބޯގައި ޖުމްލަ ދެ ވޯޓު ފޮށި ބެހެއްޓޭނެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތަފްސީލަށް ބަލާއިރު، ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މި އަދަދުގެ ތެރޭގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން، މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުންނާއި، ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކަށް ބަލާއިރު، 132 ރަށަކަށް ތިން ކައުންސިލަރުން އިންތިޚާބު ކުރާއިރު، 46 ރަށަކަށް ފަސް ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެއެވެ.

ކައުންސިލްތަކުގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް (ޑަބްލިއުޑީސީ) ވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ. އެ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރާނީ ކޮންމެ ރަށަކާއި ސިޓީ ކައުންސިލަކަށް އިންތިޚާބު ކުރާ މެންބަރުންގެ އަދަދާ އެއްވަރަށެވެ.