ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދޭނެ ޓީމެއް ހޮވައިދިނުމަށް ރައީސް އެދިވަޑައިގެންފި
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް، ލޯކަލް ލެވެލްގައި ސަރުކާރަށް އެއްބާރުލުން ދޭނެ ޓީމެއް ހޮވައިދިނުމަށް ރައީސް އެދިވަޑައިގެންފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މާލެ ސަރަހައްދުގައި ސަރުކާރުން ކުރާ އަދި ކުރަން ރާވާފައިވާ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް، އެ މަނިކުފާނަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ޓީމެއް ލޯކަލް ލެވެލްގައި ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުގެ މަގާމުން ފެށިގެން މާލޭގެ ކައުންސިލަރުންގެ އެއްބާރުލެއްވުން މުހިންމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ގާނޫނަށް ގެނައި ބަދަލާ އެކު، މިފަހަރު ހުޅުމާލެ އަށް ވެސް ތިން ކައުންސިލަރުން އިންތިހާބު ކުރެވޭނެ ކަމަށާއި، އެ ސަރަހައްދުގެ މުނިސިޕަލް މަސައްކަތްތައް ކައުންސިލް މެދުވެރިކޮށް ކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މިހާރުގެ ސިޓީ ކައުންސިލުން ބައެއް ކަންކަމާ ހަވާލު ނުވެ ހުރުމުގެ ސަބަބުން މަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމަށް ރައީސް ފާޅުގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
Ads by BMLރައްޔިތުންނަށް ދޭން ބޭނުންވާ ފެންވަރާއި ހަލުވިކަމުގައި ކަންކަން ކޮށްދިނުމަށް، ހުޅުމާލޭގައި ވެސް ކައުންސިލްގެ ވިސްނުން ހުރި ކައުންސިލަރުން ތިބުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަގުތައް ހެދުން ފަދަ މުހިންމު ކަންކަމުގައި އެ މަނިކުފާނަށް އިތުބާރު ކުރެވޭ، އަދި އެއްބާރުލުން ދެއްވާނެ ޕީއެންސީގެ ކައުންސިލަރުންތަކެއް އިންތިހާބު ކޮށްދިނުމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ކައުންސިލްގެ އެއްބާރުލުން ނުލިބިއްޖެނަމަ މަސައްކަތްތަކަށް ލަސްތަކެއް އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަކީ އިހުލާސްތެރި، ތެދުވެރި، ގާބިލް ބޭފުޅެއް ކަމަށް ރައީސް ވަނީ ސިފަކުރައްވާފައެވެ. އަދި މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުޝްރިފް އަލީ އިންތިހާބު ކޮށްދިނުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ. އައްޑޫ ސިޓީގެ ތަރައްގީ އަށް ވެސް މިހާރު އެތައް ކަމެއް ކުރަމުންދާ ކަމަށާއި، އެ ކަންކަމަށް ވެސް ލޯކަލް ލެވެލްގައި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން އައްޑޫން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ތިނަދޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވެސް މިހާރު ވަނީ މުހިންމު އެތައް މަޝްރޫއެއްގައި ސޮއިކުރެވިފައި، މުހިންމު އެތައް މަސައްކަތެއް ފެށިފައި އަދި މި އަހަރަށް ބަޖެޓު ކުރެވިފައެވެ. ރައީސް ވިދާޅުވި ގޮތުގައި މި ކަންކަމަކީ ކައުންސިލްގެ އެހީތެރިކަން އެކި ކަންކަމުގައި ބޭނުންވާ ކަންކަމެވެ. އެއްވެސް ކަމެއް ކައުންސިލްގެ އެއްބާރުލުން ނުލިބިއްޖެނަމަ ހިންގަން ދަތިވާނެ ކަމަށާއި، ލަސްވެގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށް އެ މަނިކުފާނު އަނެއްކާވެސް ތަކުރާރުކުރެއްވިއެވެ.
މި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން އިންތިހާބު ކޮށްދިނުމަކީ، ތަރައްގީގެ އެތައް މަޝްރޫއެއް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިމޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ހައްގުގައި، ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ކުރިއަށް ގެންދިއުމަށް، ލޯކަލް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން މުހިންމުކަން ރައީސްގެ ވާހަކަފުޅުން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ.
Ads by MACL
