އަދާލަތު ޕާޓީގެ ރައީސްކަމަށް ދެ ބޭފުޅަކު ކުރިމަތި ލައްވައިފި
އަދާލަތު ޕާޓީގެ ރައީސްކަމަށް އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާން އަދި އާންމު މެމްބަރެއް ކަމަށްވާ އިކްރާމް އަބްދުއްސައްތާރު ކުރިމަތިލައްވައިފި އެވެ. މި މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތު އިއްޔެ ހަމަވިއިރު، ޕާޓީގެ ރައީސްގެ ގަވާއިދުގައިވާ ގޮތުން މިހާރުގެ ރައީސް އިމްރާން އަބްދުﷲ އަށް މިފަހަރު ވާދައެއް ނުކުރެއްވޭނެއެވެ. އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ނަމަ މި މަހުގެ 31 ގައި ސިއްރު ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
އަދާލަތު ޕާޓީން މިރޭ ބުނި ގޮތުގައި ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ލިބިފައިވަނީ ޝައިހު މުހައްމަދު ޝިފާން އާއި އިކްރާމް އަބްދުއްސައްތާރުގެ ނަންފުޅު އެކަންޏެވެ. ރާއްޖޭގައި އުފެއްދި ދެވަނަ ޕާޓީގެ ޝަރަފު ލިބިފައިވާ އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އޭނާ އެ މަގާމު ދެ އަހަރު ފުރުއްވާފައިވާއިރު، ޕާޓީގެ ގަވާއިދު އޮންނަ ގޮތުން ވިދިވިދިގެން ދެ އަހަރު ރައީސް ކަމަށް އެއް ބޭފުޅަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މި ސަރުކާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ އަހަރުގެ އޭޕްރީލް މަހު އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވީ ނަމަވެސް، އެ ބޭފުޅާގެ ނަންފުޅެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ. އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝަހީމް އެ ޕާޓީއާ އަލުން ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހުއެވެ. އެ ނިންމެވުމަށް ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހު އިލްޔާސް ހުސައިނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރަޝީދާއި އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހު މުހައްމަދު އަނިލް އާއި ޑރ. އިޔާޒް އަބްދުއްލަތީފް ވެސް އޭރު ތާއީދު ކުރެއްވި އެވެ.
Ads by BMLއަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި ޝައިހު މުހައްމަދު ޝިފާނަކީ ތަޢުލީމީ ގޮތުން މަތީ ފެންވަރެއްގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ މަދީނާ ޔުނިވަރސިޓީން ޝަރުއީ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ބިޒްނަސް ސްކޫލުން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ޑިގްރީ ވެސް ހާސިލު ކުރައްވާފައިވެ އެވެ.
އަދާލަތު ޕާޓީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެވޭނީ އިއުލާނު ކުރި ތާރީހާ ހަމައަށް، އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި މެންބަރުންނަށެވެ. އަދި އެ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި ދެ އަހަރު ދުވަހު އުޅެ، ޕާޓީގެ އުސޫލުތަކަށް ހޭނުން ހިމަނާފައިވެއެވެ. އަދި އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ނަމަ މި މަހުގެ 31 ގައި ސިއްރު ވޯޓެއް ނަގަން ނިންމާފައިވާއިރު، އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށް އެ ވޯޓު ނަގާނެއެވެ.
Ads by MACL
