ޑްރަގް ނެޓްވޯކެއް ހުއްޓުވުމުގެ ބޮޑު އޮޕަރޭޝަނެއް ފުލުހުން ފަށައިފި
ޑްރަގް ނެޓްވޯކެއް ހުއްޓުވުމުގެ ބޮޑު އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
މަސްތުވާތަކެތި އެތެރެކޮށް އެތަކެތީ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކެއް ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅަން ފުލުހުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ހާއްސަ އޮަޕަރޭޝަނެއް ފަށައިފައިވާއިރު، އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހާއްސަ މަސައްކަތްތަކެއް ހެނދުނުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ބުންޏެވެ.
ގއ. އަތޮޅުގައި މިއަދު މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ދެކުނު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި ފުލުހުންގެ އިންޓެލިޖެންސާއި ޑީއީޑީ ގުޅިގެން ނެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި ގަނޫނު ތަންފީޒުކުރުމުގެ ގޮތުން އަލަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެގޮތުން މި އޮޕަރޭޝަންގެ ބައެއް މާލޭގައި ހިންގާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Ads by BML
Ads by MACL
