ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން އިންޖިނިއަރިން ސްކޮލަރޝިޕް ސްކީމެއް ހުޅުވައިފި

މާލީ ދަތިކަން ހުރި، ތައުލީމީ ގޮތުން ގާބިލު ދަރިވަރުންނަށް އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ރަން ފުރުސަތެއް.
މާލީ ދަތިކަން ހުރި، ތައުލީމީ ގޮތުން ގާބިލު ދަރިވަރުންނަށް އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ރަން ފުރުސަތެއް.

ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން، އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް މާލީ ދަތިތަކާހުރެ އެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށް ހާއްސަކޮށް، "އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމް" ގެ ނަމުގައި ހިލޭ ކިޔެވުމުގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ. މި ސްކީމްގެ ދަށުން ތިން ދަރިވަރަކަށް، އެޓްމޮސްފިއާ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކު، ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެޓްމޮސްފިއާ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ސްކީމްގެ މައިގަނޑު މަގުސަދަކީ، ތައުލީމީ ގޮތުން ގާބިލު އަދި ހުނަރުވެރި ދަރިވަރުންނަށް އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. މި ދާއިރާއިން ގާބިލު ދިވެހި ބަޔަކު ބިނާކުރުމަކީ ގައުމީ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މި ދެ މުއައްސަސާއިންވެސް ދެކެ އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި، ޖުމްލަ ތިން ފަރާތަކަށް މި ސްކީމްގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ ފައުންޑޭޝަން އިން އިންޖިނިއަރިން އިން ދެ ޖާގަ އަދި ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން އިން އެއް ޖާގަ އެވެ. މި ސްކީމްގެ ދަށުން ދަރިވަރުންގެ އެޕްލިކޭޝަން އަދި ރެޖިސްޓްރޭޝަން ފީ، ޓިއުޝަން ފީގެ އިތުރުން ކޯހާ ގުޅޭ އިތުރު ފީތައްވެސް ހަމަޖެހިގެންދާނެ އެވެ.

މި ސްކޮލަރޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެބްރުއަރީ 1، ގެ ނިޔަލަށެވެ. ސްކީމަށް ކުރިމަތިލެވޭ ދަރިވަރުންނަކީ ދިވެހި ރައްޔިތެއްކަމުގައި ވެ، ވިލާ ކޮލެޖުން ކަނޑައަޅާފައިވާ، ކުރިމަތިލާ ކޯހަށް ވަނުމުގެ ޝަރުތު ފުރިހަމަވާން ޖެހެ އެވެ. މީގެ އިތުރުން މަތީ ތައުލީމުދޭ އެހެން އެއްވެސް މަރުކަޒެއްގައި މިވަގުތު ކިޔެވަމުންދާ ދަރިވަރަކަށް ވެގެން ނުވާނެ އެވެ. މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާކަން ސާބިތުކޮށްދިނުމާއެކު، އިންޖިނިއަރިން ދާއިރާއިން ކުރިއަށްދިއުމުގެ ޝައުގުވެރިކަމާއި ސާބިތުކަން ހުރުންވެސް މުހިންމެވެ.

ކުރިމަތިލާ ދަރިވަރުން ފުރިހަމަކޮށްފައިވާ ސްކޮލާޝިޕް އެޕްލިކޭޝަން ފޯމާއި، ވިލާ ކޮލެޖުގެ ކޯހަކުން ޖާގަ ކަށަވަރުވިކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ. މީގެއިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ، މާލީ ހާލަތު އަންގައިދިނުމަށްޓަކައި ގޭބިސީގެ އާމްދަނީއާއި ހަރަދުގެ ބަޔާނެއް، އަދި ޕާސަނަލް ސްޓޭޓްމަންޓެއްވެސް ހުށަހަޅަންޖެހެ އެވެ. ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.

ދަރިވަރުން ހޮވުމުގައި ބަލާ މިންގަނޑުގެ ދަށުން ތައުލީމީ ނަތީޖާއަށް 40 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މާލީ ހާލަތަށް 40 ޕޮއިންޓް އަދި ޕާސަނަލް ސްޓޭޓްމަންޓަށް 20 ޕޮއިންޓް ދެވޭނެ އެވެ. މި ސްކީމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް [email protected] އަށް މެއިލް ކުރުމަށް ވިލާ ކޮލެޖުން ވަނީ އެދިފަ އެވެ.