ގާޒީ ފާއިޒް މަގާމުން ވަކިކުރި އެއް މައްސަލަ ކަމަށްވާ އަލީ އަންވަރު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ފަށައިފި
ކްރިމިނަލް ކޯޓުގެ ގާޒީކަމުން ހުސައިން ފާއިޒް ރަޝާދު ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައިގަނޑު އެއް ސަބަބު ކަމަށްވާ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި މިއަދު ފަށައިފިއެވެ.
މި މައްސަލައަކީ މީގެކުރިން އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުގެ ރެޖިސްޓްރާ ބަލައިނުގަނެ ބޭރުކޮށްލާފައިވާ މައްސަލައެކެވެ. އޭރު އެސިސްޓެންޓް ރެޖިސްޓްރާ ސަހުނާ އަބްދުއްސަމަދު އެ މައްސަލަ ބޭރުކޮށްލި ނަމަވެސް، ދައުލަތުން އެ ނިންމުން މުރާޖައާކުރަން ހުށަހެޅުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދަން ނިންމާފައެވެ.
ތިން ފަނޑިޔާރުންގެ ބެންޗަކުން މިއަދު މި މައްސަލަ ބަލަން ފެށުމުން، އަންވަރުގެ ފަރާތުން ވަނީ ވަކީލަކު ހަމަޖެއްސުމަށް އިތުރު ފުރުސަތަކަށް އެދިފައެވެ. ނަމަވެސް، މި ބާވަތުގެ މައްސަލަތަކަކީ ގާނޫނީ ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމަންޖެހޭ މައްސަލަތަކަކަށް ވެފައި، ވަކީލަކު ހޯދަން އެކަށީގެންވާ ވަގުތު މިހާތަނަށް ލިބިފައިވާ ކަމަށް ބަލައި، ފަނޑިޔާރުންގެ ބެންޗުން ނިންމީ އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށެވެ. މިހާރު އަންވަރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާކަންވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ހާމަވެފައެވެ.
Ads by BMLގާޒީ ފާއިޒް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމި ސަބަބުތަކުގެ ތެރޭގައި، އަންވަރުގެ ބަންދާމެދު ގޮތެއް ނިންމުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބުނާ މައްސަލަ ހިމެނެއެވެ. އޭރު ގާޒީ ފާއިޒް އަންވަރު ދޫކޮށްލީ، އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރުމުގައި ފުލުހުން އަމަލުކުރި އިޖުރާއަތްތައް ގޯސް ކަމަށް ބުނެއެވެ. އެ ނިންމުމާއެކު އަންވަރު ވަނީ ރާއްޖެއިން ފުރައިގެން ލަންކާއަށް ގޮސްފައެވެ. ނަމަވެސް ލަންކާއަށް އެތެރެވިޔަނުދީ އޭނާ އަނބުރާ ފޮނުވާލުމުން ރާއްޖެއިން ވަނީ އަލުން އޭނާ ހައްޔަރުކޮށްފައެވެ.
އަލީ އަންވަރަކީ 2019 ވަނަ އަހަރު ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި "އަލްޝަބާން" ބޯޓުގެ މައްސަލައިގައި ހިމެނޭ މައިގަނޑު އެކަކު ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ތުރާކުނު ކައިރިން އަތުލައިގަތް އެ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ދިވެހިންނާއި ބޭރުގެ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
Ads by MACL
