ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް، އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ، އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 15:30 އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މީގެ ކުރީގެ އިންތިޚާބުތަކާ ޚިލާފަށް މިފަހަރު ކެންޑިޑެސީ ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ. އެގޮތުން ކޮމިޝަނުގެ 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން، އިދާރީ ފީވެސް ދައްކަންޖެހޭނީ އެ ޕޯޓަލް މެދުވެރިކޮށެވެ. އަދި ކެންޑިޑޭޓުންނާ ގުޅޭ ހުރިހާ މުޢާމަލާތްތަކެއްވެސް ކުރިއަށްދާނީ އެ ސިސްޓަމްގެ ތެރެއިންނެވެ.
Ads by BMLފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 އިން މެންދުރުފަހު 15:30 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 15:30 އިން އިރުއޮއްސި 18:00 އަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.
މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތަކުން ގިނަ އަދަދެއްގެ މެންބަރުން އިންތިޚާބުކުރާ ބޮޑު އިންތިޚާބެކެވެ. އެގޮތުން 225 ދާއިރާއަކުން ޖުމްލަ 1,356 މީހުން އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް ހޮވާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވާ 678 މެންބަރުންނެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 294,937 މީހުން ތިބިއިރު، އޭގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ.
ވޯޓުލުން އޮންނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ރަށްރަށާއި މާލެ ސަރަޙައްދުގެ އިތުރުން، ރިސޯޓުތަކާއި، ޖަލުތަކާއި އަދި ސިނާޢީ ރަށްރަށްވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލަންކާ އަދި މެލޭޝިއާގައި ވޯޓު ފޮށި ބަހައްޓާނެއެވެ.
Ads by MACL
