މާލީ ހިސާބު 2025: ރިކަރަންޓް ޚަރަދު ކޮންޓްރޯލް ކުރެވިފައިވާއިރު، ޖުމްލަ ޚަރަދުތައް ދަށަށް!
2025 އަހަރުގެ ދައުލަތުގެ ރިކަރަންޓް ހަރަދު ކޮންޓްރޯލް ކުރެވި، ޖުމްލަ ހަރަދު ދަށަށް ގޮސްފައިބާކަމަށް މާލީ ވުޒާރާގެ 2025 ވަނަ އަހަރުގެ ރިޕޯޓުން ދައްކައިފިއެވެ.
ރިޕޯޓުގައި ވާ ގޮތުން ޑިސެމްބަރ 2025 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 43.1 ބިލިއަން ރުފިޔާގައެވެ. މިއީ 2024 ވަނަ އަހަރުގެ 48.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ ދަށްވުމެކެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުން ފަދަ ސިޔާސަތުތައް 2025 ވަނަ އަހަރު ތަންފީޒުކުރުން ފަދަ ކަންކަމުގެ ސަބަބުން ރިކަރަންޓް ޚަރަދުތައް އިތުރުވެ، 36.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މިއީ ކުރީގެ 34.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.1 އިންސައްތައިގެ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މުސާރައަށް އައިސްފައިވާ ބަދަލާއެކު މުވައްޒަފުންނަށް ކުރާ ޚަރަދުތައް އިތުރުވެފައިވުމެވެ.
2025 ވަނަ އަހަރު ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 6.8 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރުގެ 13.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 48.8 އިންސައްތައިގެ ދަށްވުމެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާގެ ތެރޭގައި ކެޕިޓަލް ޚަރަދުތައް އިތުރުވެފައިވަނީ މަގުތަކާއި، ބުރިޖު އަދި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުތަކަށް ކުރެވުނު ޚަރަދުތަކުގެ ސަބަބުންނެވެ.
Ads by BMLމިއިން ދޭހަކޮށްދެނީ ޖުމްލަ ޚަރަދުތައް ވަކި މިންގަނޑެއްގައި ހިފަހައްޓަމުންވެސް، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން އިސްކަންދޭ މިންވަރެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ޕްރައިމަރީ ބެލެންސް ސަރޕްލަސްގައި
2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުރީ 13.1 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާއެވެ.
އިންވެސްޓަރުން ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރުމުގައި ބަލާ މުހިންމު މިންގަނޑެއް ކަމަށްވާ ޕްރައިމަރީ ބެލެންސް (ދަރަނީގެ އިންޓްރެސްޓް ޚަރަދު ނުހިމަނައި، އާމްދަނީއާއި ޚަރަދުގެ ފަރަގު) ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން2024 ވަނަ އަހަރު 8.4 ބިލިއަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ސަރޕްލަސް އެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރެވެ.
Ads by MACL
