ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލީ ހިސާބު 2025: ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑަށް ޖަމާކުރާމިންވަރު އިތުރުވެ ރިޒާވް ވަރުގަދަކުރެވުނު

މާލީ ހިސާބު 2025: ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑަށް ޖަމާކުރާމިންވަރު އިތުރުވެ ރިޒާވް ވަރުގަދަކުރެވުނު

ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑަށް ޖަމާކުރާމިންވަރު އިތުރުވެ ރިޒާވް ވަރުގަދަކުރެވިފައިވާ ކަމަށް ދައުލަތުގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި އިންވެސްޓަރުން އެންމެ ބޮޑަށް ސަމާލުކަންދޭ އެއް ކަމަކީ ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބިނާކުރާ ރިޒާވްގެ ދުވެއްޔަށެވެ.

އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް.)އަށް 2025 ވަނަ އަހަރު ޖަމާކުރި މިންވަރު ވަނީ 2.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިއީ 2024 ވަނަ އަހަރު ޖަމާކުރި 1.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 91.2 އިންސައްތައިގެ އިތުރުވުމެކެވެ. މިގޮތަށް ފަންޑަށް ފައިސާ ޖަމާކުރާ މިންވަރު އިތުރުވުމަކީ، ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުވެ، ރަސްމީ ރިޒާވަށް ހުރި ޕްރެޝަރުތައް ކުޑަކޮށްދޭނެ ކަމެކެވެ.

ޑިސެމްބަރ 2025 ގެ ނިޔަލަށް ލިބެންހުރި މައުލޫމާތަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސްތަކުން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން ސަރުކާރުގެ އަންދާޒާތަކާ އެއްގޮތަށް 2025 ވަނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ބޭރު ފައިސާގެ އާމްދަނީ ވަނީ 1.2 ބިލިއަން ޑޮލަރަށް އަރާފައެވެ.

އެސް.ޑީ.އެފް.އަށް ފައިސާ ޖަމާކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވުމަކީ، މާލީ ނިޒާމުގެ ތެރެއިން ދައުލަތުގެ ރިޒާވް ވަރުގަދަކުރުމުގެ މަސައްކަތް ހަލުވިވެފައިވާ ކަމުގެ ނިޝާނެކެވެ. މިއީ ބޭރުގެ އެކި ލޮޅުންތަކުގެ ނުރައްކާ އޮތް، ރާއްޖެ ފަދަ ކުޑަ އަދި ހުޅުވާލެވިފައިވާ އިގުތިސާދެއްގެ ސާބިތުކަން ހިފެހެއްޓުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

ރައްޔިތުންނަށް ދައުލަތުގެ މާލީ ކަންކަމާގުޅޭ އެންމެ އަދާހަމަ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ހާއްސަ އަހައްމިއްޔަތުކަމެއްދޭ ކަމެއްކަމުގައި އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

އަދި އެ މިނިސްޓްރީން ކޮންމެ ހަފްތާއަކު ޝާއިއުކުރަމުންދާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު އަހަރުގެ ފަހު ދެ ހަފްތާގައި ޝާއިއުނުކޮށް ލަސްވެފައިވަނީ 2025 ވަނަ އަހަރުގެ ބަޖެޓުން ކޮށްފައިވާ ޚަރަދުތަކާއި ލިބިފައިވާ އާމްދަނީ ރިކޯޑުކުރުމުގައި ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ދިމާވި ޓެކްނިކަލް މައްސަލައަކާހުރެ އެ މައްސަލަ ހައްލުކުރުމަށް ވަގުތު ހޭދަވެފައިވާތީކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.