ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗާގޯސްގެ ހައްގުކަން ބޮޑީ ދިވެހިރާއްޖެއަށް: ރައީސް

ޗާގޯސްގެ ހައްގުކަން ބޮޑީ ދިވެހިރާއްޖެއަށް: ރައީސް

އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރިނަމަވެސް އެތަން ލިބުން އެންމެ ޙައްގު ޤައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާވަނީ މީގެކުރިންވެސް އެކި ޕްލެޓްފޯމްތަކުގައި މިވާހަކަ ތަކުރާރުކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "އެކްސްޕްރެސް"އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޗާގޯސް ރާއްޖެއަށް ލިބުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޙައްގުކަން ބޮޑުކަމަށެވެ. މޮރިޝަސްއަށްވުރެ ރާއްޖެއާއި ޗާގޯސް އޮންނަ ސަރަޙައްދު ޖިއޮގްރަފިކަލީ ގާތްވުމާއި، ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ތާރީޚީ ވަރުގަދަ ގުޅުމެއް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޗާގޯސް ރާއްޖެއަށް ޤާނޫނީގޮތުން ލިބުން މާއައުލާކަން ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ އިންޓަރވިއުގައިވަނީ އެކިފަހަރުމަތިން އިނގިރޭސި ސަރުކާރާއެކު މިމައްސަލައިގައި ދިވެހި ސަރުކާރުން މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. ތަފްސީލު މިވަގުތު ހާމަކުރެވެން ނެތްނަމަވެސް މިމައްސަލައިގައި ރާއްޖެއިން ދެކޭގޮތާއި ރާއްޖޭގެ ކަންބޮޑުވުން އިނގިރޭސި ސަރުކާރަށް ސާފުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ރާއްޖެއިންވާނީ މިމައްސަލައިގައި ރާއްޖެއިން ވަކާލާތުކުރާ ކަންކަމާއި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފައި. މިވަގުތަށް މިމައްސަލައާއި ގުޅިގެން އިތުރުކަމެއް ހާމަކުރެވެން ނެތް ރާއްޖެއަށް ޗާގޯސްގެ ޙައްގުކަން ބޮޑުކަމަށް ތަކުރާރުކޮށް ބުނުން ފިޔަވާ." ރައީސް ވިދާޅުވިއެވެ.

އެކްސްޕްރެސް" ނޫހަށް ދެއްވި އިންޓަރވިއުގައި ރައީސްވަނީ މިމައްސަލައިގެ ތެރޭގައިވެސް އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރުނާރާނެކަމަށް ވިދާޅުވެފައެވެ.

"އިނގިރޭސި ފަތުރުވެރިންވަނީ ރާއްޖެ، ރާއްޖެއަށް ހެދުމުގައި އެހީތެރިވެފައި. އެންމެ ފުރަތަމަ އެންމެ ގިނައިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިނގިރޭސި ފަތުރުވެރިން. އޭގެތެރޭގައި އާކިޓެކްޗަރުންނާއި، އިންޖިނިއަރުންނާއި ހޮޓެލް ހިންގާ ފަރާތްތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އެންމެ ފުރަތަމަ އެހީތެރިވި ފަރާތްތައް. އަދި އިނގިރޭސީންގެ މެޙުމާންދާރީގެ އުސޫލުތައް ދިވެހީން އެންމެ ފުރަތަމަ ޚިޔާރުކުރީ." ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ޗާގޯސްއާއި ދެމެދު 310 މޭލު ހުންނައިރު އިނގިރޭސިން މިހާރު ޗާގޯސް ހަވާލުކޮށްފައިވާ މޮރިޝަސްއާއި ޗާގޯސްއާއި ދެމެދު 1300 މޭލު ހުރެއެވެ.

ދިވެހިން "ފޯޅަވަހި" ކިޔާ ޗާގޯސްގެ ރަށްތަކާއި ދިވެހި ރަށްތަކާއި އެއްގޮތްކަން ބޮޑު ކަންތައްތަކެއް ހުންނައިރު ރާއްޖޭގެ ތާރީޚުގައި ފޯޅަވަހީގެ ވާހަކަތައް ގިނަކަން ފާހަގަކުރެވެއެވެ. ރާއްޖެއިން މިކަމުގައި ވަކާލާތުކުރާ ކަންކަމުގެ ތެރޭގައި މޮރިޝަސްއަކީ 17 ވަނަ ޤަރުނާހަމައަށް މީހުން ވަޒަންވެރިވެ އުޅުނު ތަނަކަށްނުވާއިރު ރާއްޖެއަކީ ދައުލަތެއްގެ ގޮތުގައި މީހުން ރަށްތަކެއްގެ މައްޗަށް ބެހި އާބާދުވެގެން ދިރިއުޅެމުން އަންނަތާ 4000 އެއްހާ އަހަރުވެފައިވާ ޤައުމެކެވެ.

ޗާގޯސް މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2019 ވަނަ އަހަރުވަނީ ޗާގޯސް މޮރިޝަސްއާއި ހަވާލުކުރުމަށް ނިންމަވާފައެވެ. މިއަށްފަހު ކުރެވުނު ގިނަ މަޝްވަރާތަކަށްފަހު އިނގިރޭސިވިލާތުންވަނީ ޗާގޯސް މޮރިޝަސްއަށް ދޫކޮށްލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭންގެ ތެރޭގައިވަނީ ޗާގޯސް އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރައްވާނެކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ.