ކޮވިޑް-19 ގެ ކޮރަޕްޝަން މައްސަލައިގައި އެމްޕީއެލްގެ ސީއީއޯ ރިޝްވާނަށް ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވައިފި
ކޮވިޑް-19 ގައި ހިނގި ވައްކަމުގެ މައްސަލަތަކުގައި އެމްޕީއެލްގެ މިހާރުގެ ސީއީއޯ މުހައްމަދު ރިޝްވާނަށް ދައުވާ ކުރުމަށް ގޮތެއް ނިންމުމަށް ޑިއުޓީ ޕްރިސިކިއުޝަނަށް ފޮނުވައިިފިއެވެ.
މިކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޑިއުޓީ ޕްރޮސިކުޝަނަކީ ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަށް ބަލައިގަތުމުގެ ކުރިން ނިންމަން ޖެހޭ މަރުހަލާއެކެވެ. މި މަރުހަލާގައި މައްސަލައިގައި ހިނގި ކަންތައްތަކަށް ބަލައި ފިޔަވަޅު އެޅޭނެ މިންވަރަށް ބަލައި ގޮތެއްނިންމާނެއެވެ. ރިޝްވާނަކީ އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯއެވެ. ރިޝްވާނުގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް ސާފެއް ނޫނެެވެ.
Ads by BMLކޮވިޑް-19ގެ ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި ކެމިކަލް ހޯދަން އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް، އަދި ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ފޮނުވާފައެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ ޓެކްސްއަށް ގަސްދުގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޑރ. އަލީ އަބްދުالله ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ގިނަ ދައުވާތަކެއް ދައުވާކޮށް މައްސަލަ ވަނީ ކޯޓަށް ފޮނުވާފައެވެ. މި މައްސަލައިގައި ޕީޖީން އެދެނީ ބޮޑު އަދަބެއް ދިނުމަށެވެ.
އަލީ ލަތީފަކީ އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން އަދި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަން އަދާކުރައްވާފައިވާ ރާއްޖޭގެ ސީނިއާރ ޑޮކްޓަރެކެވެ.
Ads by MACL
