ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮވިޑް ވައްކަން، ދައުލަތަށް ޓެކްސްގެ ގޮތުގައި 20 މިލިއަން ނުދައްކައި ވަނީ އޮޅުވާލައިފައި، ޕީޖީން އެދެނީ 40 މިލިއަން ނަގައިދިނުމަށް

ކޮވިޑް ވައްކަން، ދައުލަތަށް ޓެކްސްގެ ގޮތުގައި 20 މިލިއަން ނުދައްކައި ވަނީ އޮޅުވާލައިފައި، ޕީޖީން އެދެނީ 40 މިލިއަން ނަގައިދިނުމަށް

ކޮވިޑް ޕީސީއާރް ހިދުމަތް ދިން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު އަދި އެ ދެ ކުންފުނީގެ މަސްއޫލުވެރިންގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުން ކަމަށްވާ ޑރ. އިކްލީލް ޝަރީފްއާއި، ޑރ. އަލީ އަބްދުﷲ ލަތީފާއި، މި ދެމީހުންގެ މަސްލަހަތު އޮންނަ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ޤަސްދުގައި އެއްކިބާވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ މީރާއިން ތަހުގީގުކޮށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ދިރާސާކުރުމަށްފަހު ތުހުމަތުކުރެވޭ ކުންފުނިތަކާއި މީހުންގެ މައްޗަށް ދައުވާ ކުރުމަށް 20 ޖަނަވަރީ ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ:





  1. އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް

  2. ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

  3. ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފް

  4. މ. ގައްދަޑުގެ، ޑރ. އަލީ އަބްދުﷲ ލަތީފް

  5. އދ. މާމިގިލި، ބޯވެލި، އަލީ ފަޔާޟް




މި މައްސަލައިގައި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވަނީ، ޓެކްސް ދެއްކުމުން ޤަސްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދައުވާ އަދި ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ. ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވަނީ ޓެކްސް ދެއްކުމުން ޤަސްދުގައި އެއްކިބާވުމުގެ ކުށުގެ 2 ދައުވާ އެވެ.

ޑރ. އަލީ އަބްދުﷲ ލަތީފްގެ މައްޗަށް މި މައްސަލައިގައި ވަނީ ޓެކްސް ދެއްކުމުން ޤަސްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދައުވާ ކޮށްފަ އެވެ. އަދި ޑރ. އިކްލީލް ޝަރީފްއާއި އަލީ ފަޔާޟްގެ މައްޗަށް ވަނީ ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 5 ދައުވާ ކޮށްފަ އެވެ.



ކުންފުނިތަކުގެ މައްޗަށް ދައުވާކުރި ސަބަބު



ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލާގައި ދައުވާލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައިވާ އަދަދުތަކާއި، ކުންފުނިތަކުގެ އަސްލު އާމްދަނީއަށް ބަލައި މީރާއިން ހިސާބުކޮށްފައިވާ އަދަދުތަކަށް ބަލާއިރު، މި ދެ ކުންފުނިން -/20،200،401 ރުފިޔާގެ ޓެކްސް ދެއްކުމުން ޤަސްދުގައި އެއްކިބާވެފައިވާ ކަމަށެވެ.

މި މައްސަލާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ހާލަތުގައި، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނައަށްވާ -/40،400،802 ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދުމަށް ޤަސްދުކުރާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.



ވަކިވަކި މީހުންގެ މައްޗަށް ދައުވާކުރި ސަބަބު



ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދައުވާކޮށްފައިވާނީ ދައުވާލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދައުރަށް ބަލުމަށްފަހު ކަމަށެވެ.

އެގޮތުން ޑރ. އިކްލީލް ޝަރީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ހިއްސާދާރެއް ކަމަށާއި ޑރ. އަލީ އަބްދުﷲ ލަތީފްއަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ 50 އިންސައްތަ ހިއްސާ އޮންނަ، ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީވެސް ޑރ. އަލީ އަބްދުﷲ ލަތީފްގެ މަސްލަހަތު އޮންނަ ކުންފުންޏެއްކަމާއި، ކޮވިޑް ދުވަސްވަރު މި ކުންފުނިތައް ހިންގުމުގައި ޑރ. އަލީ އަބްދުﷲ ލަތީފް އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތަޙުޤީޤަށް ހޯދިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. މީގެއިތުރުން އަލީ ފަޔާޟްއަކީ މި ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތެއް ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ދައުވާލިބޭ ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދެން ޤަސްދުކުރާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.


ޕީޖީ އޮފީހުން ބުނެފައިވަނީ މި ދައުވާތަކަކީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ކުންފުނިތަކުން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައި އޮޅުވާލާފައިވާތީ ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.