ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަތިސް ނަމާދުން ދަރިވަރުން ދުވަސް ފަށަން، ރައީސް އިލްތިމާސް ކުރައްވައިފި

ޝަހީދު އަލީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ޝަހީދު އަލީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ކޮންމެ ދަރިވަރަކު ވެސް ފަތިސްނަމާދުން ދުވަސް ފަށަން ރައީސް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލޭގައި ސަރުކާރުން ގާއިމްކުރި ޝަހީދު އަލީ ސްކޫލުގެ ކިޔެވުން ފެށުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުުންނެވެ.

"ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން. ވަގުތުން ވަގުތަށް ނަމާދުކުރުމަށް، ފަތިސްނަމާދަށް ގަޑިއަށް ހޭލުމަށް، ހޭލައި ފަތިސްނަމާދުކޮށްގެން ދުވަސް ފެށުމަށް، ހުރިހާ ކުދިން ވެސް އަޒުމް ކަނޑައަޅަން އަަޅުގަނޑު ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނަށް އަޅުގަނޑު އިލްތިމާސްކުރަން،"

ރައީސް ވިދާޅުވީ ދީނުަގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ވަރަށް ވެސް މާތް މަގުސަދެއްގައި ކަނޑައަޅާފައިވާ ކަންތައްތައް ކަމަށާއި އެއީ ހަަމ އެކަނި ފޮތް ގޮތުގައި ލިޔެފައި ހުންނަން ޖެހޭ ކަންކަމެއް ނޫން ކަމަށެވެ.

ދިރާސީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި ރައީސް 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރިންތަކެއް މި ގައުމުގައި ބިނާކުރެވޭނީ، ތައުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.

މީގެ އިތުރުން ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއްކަމަށެވެ. އަދި ދިވެހީން އެދޭ ފާގަތި ކުރިމަގު މި ޤައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 218އެއްހާ ސްކްލްގައި 77،000އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ދާނެއެވެ. އަދި ދަރިވަރުންނަށް އުނގަންނައިދިނުމަށް ސަރުކާރުގެ ސްކޫލްތަކުގައި 10500 މުދައްރިސުން ހަރަކާތްތެރިވާނެކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.