ޝަހީދު އަލީ ސްކޫލް: ބިންގާ އެޅީ 2023 ޑިސެމްބަރުގައި، ވެރިކަމުގައި ހުންނެވީ ރައީސް ޑރ މުއިއްޒު
މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ފުރަތަމަ ސްކޫލް، "ޝަހީދު ޢަލީ" ސްކޫލް ރަސްމީކޮށް ހުޅުވައިފިއެވެ. މި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ޝަހީދު ޢަލީ ސްކޫލަކީ، އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ސްކޫލްއެކެވެ.
މި ސްކޫލު ރަސްމީކޮށް ހުޅުވުމަށްޓަކައި އެ ސްކޫލުގައި މިއަދުވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގެ ތެރެއިންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. އަދި ސްކޫލް ރަސްމީކޮށް ހުޅުވުމުގެ ގޮތުން، ސްކޫލްގެ ލޯގޯ އިފްތިތާޙްކޮށްފައިވެއެވެ.
Ads by BMLޝަހީދު ޢަލީ ސްކޫލުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އަދި 2 އަހަރުގެ ތެރޭގައި ސްކޫލްގެ މަސައްކަތް ނިންމާ މިހާރުވަނީ ކިޔަވައިދޭން ފަށާފައެވެ. މި މަސައްކަތް ކުރިއަށްގެންދިޔައީ އާރްސީސީއާ ހަވާލުކޮށްގެންނެވެ.
މިސްކޫލްގައި މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑަކާއި އިންޑޯ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. މި ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެއްނަމަވެސް ދެ ދަންފަޅިއަށް ކިޔަވައިދޭނަމަ 2500 ކުދިންނަށް ކިޔަވައިދެވޭނޭކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވި ގޮތުގައި، ޝަހީދު އަލީ ސްކޫލަކީ މާލެ ސަރަހައްދުގައި މިހާތަނަށް ބިނާކުރެވުނު އެންމެ ޒަމާނީ ސްކޫލް އިމާރާތެވެ. މި ސްކޫލަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތަކަށް ތައުލީމީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ މި ސްކޫލުގައި ގްރޭޑް 1 އަކުން ފެށިގެން 10 އަކާ ހަމައަށް ކިޔަވައިދޭނެއެވެ.
މިހާތަނަށް 1,150 ކުދިންނަށް މި ސްކޫލުން ޖާގަ ދީފައިވާއިރު، ސްކޫލްގައި ހިމެނެނީ ކޮންމެ ކްލާހެއްގައި 32 ކުދިންގެ ޖާގަ ހިމެނޭ ގޮތަށް ބިނާކޮށްފައިވާ 54 ކްލާސްރޫމެވެ. ޚާއްޞަ ކަމެއްގެ ގޮތުގައި، މި ހުރިހާ ކްލާސްރޫމްތަކަކީވެސް އޭސީ ކުރެވިފައިވާ ކްލާސްރޫމްތަކެކެވެ.
ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާނެ އެންމެހައި ވަސީލަތްތަކާއެކު ބިނާކޮށްފައިވާ މި ސްކޫލުގައި 400 ކުދިންގެ ޖާގަ އޮންނަ އޮޑިޓޯރިއަމަކާއި، ލައިބްރަރީއަކާއި، ކޮމްޕިއުޓަރު ލެބެއްގެ އިތުރުން ތިން ކެމިސްޓްރީ ލެބް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންގެ ދުޅަހެޔޮކަމަށްޓަކައި އިންޑޯ އަދި އައުޓްޑޯ ޖިމަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ޓާފް ދަނޑެއްވެސް މި ސްކޫލުގައި ވަނީ ގާއިމުކޮށްފައެވެ.
އާރު.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ 7 ޖޫން 2021 ގައި އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއެކެވެ. ނަމަވެސް، މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މި މަސައްކަތް ހަލުވިކަމާއެކު ނިންމުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޑިސެމްބަރު 2023 ގައި މި މަސައްކަތް އަލުން ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މިއީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތު ހާމަކޮށްދޭ މުހިންމު ފިޔަވަޅެކެވެ.
Ads by MACL
