ބޮޑު ވަޒީރު މޯދީގެ ޝުކުރު ރައީސަށް: ދިވެހިންނަށް އޮތީ އުފާވެރި ދުވަސްތަކެއް، އެކުގައި މިކުރާ މަސައްކަތް ކުރިއަށް ގެންދާނަން!
އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަރިސްކުރެއްވި ހޫނު ތަހުނިޔާއާއި ހެޔޮ އެދުންތައް އިހުތިރާމާއިއެކު ބަލައިގަންނަ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ބޮޑު ވަޒީރު މޯދީ ވިދާޅުވީ ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި، އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ އުފާވެރި ފާގަތި ދުވަސްތަކެއްކަމުގައި އެދޭ ކަމަށެވެ.
"ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށްގެންދާނަން. އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ އުފާވެރި ފާގަތި ދުވަސްތަކެއްކަމުގައި އެދެން." ބޮޑު ވަޒީރު މޯދީ
ރާއްޖެއާއި އިންޑިއާގެ އިޤްތިސާދު ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ބަދަހިވެ، ކުރިއަރަމުންކަމަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް ވަނީ ވިދާޅުވެފައެވެ.
މިއަދު އިންޑިއާގެ އިޤްތިސާދަކީ، ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިޤްތިސާދުކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، ހުރިހާ ދާއިރާތަކަކުންވެސް އިންޑިއާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށެވެ. އަދި އިންޑިއާއާއި ރާއްޖެ ގުޅިގެން ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރެވެމުންދާކަމަށާއި މީގެ ސަބަބުން ދެ ޤައުމުގެ އިޤްތިސާދީ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވެ، ކުރިއަރަމުން އަންނަކަން ސަފީރު ފާހަގަކުރެއްވިއެވެ.
Ads by BML"އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ ގުޅުމުގެ ސަބަބުން ދެ ގައުމަށްވެސް އެތަކެއް ފައިދާތަކެއް ކުރޭ. ރާއްޖޭގެ ޢުމްރާނީ އެތަކެއް މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމުގައި ދެގައުމު ގުޅިގެން މަސައްކަތް އެބަކުރެވޭ. މީގެ ސަބަބުން ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް އެތަކެއް ފައިދާތަކެއް އެބަ ކުރޭ" ސަފީރު ވިދާޅުވިއެވެ.
Ads by MACL
