ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއަދު ފެނިގެންދިޔައީ އައްޑޫސިޓީ ރައްޔިތުންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ އަލިގަދަ ހެއްކެއް: މެމްބަރު ސިނާ

އައްޑޫ ސިޓީ މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
އައްޑޫ ސިޓީ މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

އައްޑޫ ސިޓީގެ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، ކޮންޓްރެކްޓް ކުރުމުން ދޭހަ ވެގެންދަނީ ރައީސް ޑރ މުއިއްޒު އައްޑޫ ސިޓީ އަށް ވެފައިވާ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން ކަމަށް އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގެ މި މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 829 މިލިޔަން ރުފިޔާއަށް އާރްޑީސީއާއިއެވެ.

މެމްބަރ ސިނާން ޖީލު އޮންލައިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ  އައްޑޫ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން އިހުމާލުނުވާނެ ކަމަށެވެ. އަދި ވެފައިވާ ވައުދުތައް ޜައީސް ފުއްދަވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. ހައްލުނުވެފައިވާ ގިނަ މައްސަލަތަކަށް މި ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން 67.58 ކިލޯމީޓަރުގެ ސީ.ޓީ.ބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި މުޅިން އަލަށް 5.5 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

"ލިންކް ރޯޑުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވޭނެ," ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ހެދުމާއި، ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމާއި، ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ރޯޑް މާކިންގ އަދި ސައިން ބޯޑު ހަރުކުރުން ހިމެނެއެވެ. މި މަސައްކަތްތައް 2028 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.