ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޝަކީލު ޕީއެންސީގެ ރަޖިސްޓްރާއަށް، ޑެޕިއުޓީއަކަށް ހަމްދާން

ޝަކީލު ޕީއެންސީގެ ރަޖިސްޓްރާއަށް، ޑެޕިއުޓީއަކަށް ހަމްދާން

ކޮންގްރެސް ޕާޓީގެ ރަޖިސްޓްރާގެ މަޤާމަށާއި ޑެޕިއުޓީ ރަޖިސްޓްރާ މަޤާމަށް ބޭފުޅުން ހޮވައިފި އެވެ.

އެ ޕާޓީން މިއަދު ބުނީ ކޮންގްރެސްގެ ރަޖިސްޓްރާގެ މަޤާމަށް މުޙައްމަދު ޝަކީލު، އަދި ޑެޕިއުޓީ ރަޖިސްޓްރާ މަޤާމަށް އަޙުމަދު ޙަމްދާން ނާސިރު ހޮވިވަޑައިގެންފައިވާ ކަމަށެވެ.

ކޮންގްރެސް އިން ވަނީ އެ ދެ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފަ އެވެ.

ކޮންގްރެސް ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރި އަދި މެންބަރުންގެ އަދަދު އެންމެ ގިނަ ޕާޓީ އެވެ. އެ ޕާޓީގައި މިވަގުތު 74،000 ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުތައް ރަސްމީކޮށް ނިމި، އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ހިންގާ ކޮމިޓީއާއި ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކޮށްފި އެވެ.

ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި، ދެ ގޮފީގެ ލީޑަޝިޕަށް ހޮވުނު ހުރިހާ ބޭފުޅުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަންހެނުންގެ ގޮފީގެ ހިންގާ ކޮމިޓީ އެކުލެވިގެންވަނީ އަންހެނުންގެ ގޮފީގެ ރައީސާ ހީނާ ވަލީދާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީގައި ތިބެނީ ކޮމިޓީގެ ރައީސް ހަނާން މުހައްމަދު ރަޝީދު ހިމެނޭހެން 14 މެންބަރުންނެވެ.

އަންހެނުންގެ ގޮފީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ހީނާ ވަލީދު، ފާތިމަތު ސައުދާ، ޑރ. އަނާރާ ނައީމް، އާޝިޔަތު އަލައިކާ، މަރިޔަމް ރީހާން، އާމިނަތު ނަމްޒާ، ޒީނާޒް އަދުނާން، އާމިނަތު ހުސައިން، ފާތިމަތު މިޒްނާ، ފާތިމަތު ރުޚްސާނާ، އާމިނަތު ޝިޒްލީން، އައިޝަތު ނިޒްލީ، އާމިނަތު ނާސިހާ، މަރިޔަމް ސާމިޔާ އަދި މަރިޔަމް ރަޝީދާ އެވެ. މި ބޭފުޅުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޕާޓީގެ އަންހެން މެންބަރުންގެ މަސްލަހަތު ހިމާޔަތްކުރުމާއި ގޮފީގެ ހަރަކާތްތައް ހިންގުމެވެ.

ހަނާން މުހައްމަދު ރަޝީދު އިސްކޮށް ހުންނަވާ ޒުވާނުންގެ ގޮފީގެ ކޮމިޓީގައި ދެން ހިމެނެނީ އަބާން އަބްދުއްލަތީފް، މުހައްމަދު ފިރުޒުލް، މުހައްމަދު ޔާއިޝް، މުހައްމަދު އަލްސަން، އިފްނާން އަބްދުﷲ، އަލީ ހަސީން، ހަސަން ޝަހީދު، ލުޖައިނުﷲ ޒުހައިރު، މަލްޝާ ޝަރީފް، ފާތިމަތު ޝައުފާ، އާމިނަތު ރާނާ، އާމިނަތު ސަޖަން އަދި ހިންދު ތައުފީގެވެ.

މި ދެ ގޮފީގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަކީ ޕާޓީގެ ގޮފިތައް ވަރުގަދަކޮށް، ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން ޕާޓީގެ ސިޔާސީ މަސައްކަތްތަކުގައި އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި އާ ލީޑަޝިޕާއެކު ޕީއެންސީގެ ސިޔާސީ އެޖެންޑާ ކުރިއަށް ގެންދިއުމުގައާއި، ޕާޓީގެ މެންބަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް އާ ހަކަތައެއް ލިބިގެންދާނެ ކަމަށް އެ ޕާޓީން ދެކެ އެވެ.