ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައުމީ ލެބޯޓަރީއާއެކު ދަނޑުވެރިންނަށް ތަމްރީނު ފޯރުކޮށްދިނުމަށް މަގު ފަހިވާނެ: ވަޒީރު މާރިޔާ

ގައުމީ ލެބޯޓަރީއާއެކު ދަނޑުވެރިންނަށް ތަމްރީނު ފޯރުކޮށްދިނުމަށް މަގު ފަހިވާނެ: ވަޒީރު މާރިޔާ

ފުވައްމުލަކުގައި ގާއިމުކުރި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީއާއެކު ދަނޑުވެރިންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމުގައި ދަނޑުވެރިކަމާއި ޖަނަވާރާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.މާރިޔާ ވިދާޅުވި ގޮތުގައި ލެބޯޓަރީއަކީ ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ކުރިއަރުވައި، ގައުމީ ފެންވަރުގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު އާރޯކަމެކެވެ.

ޕީ.ޑީ.އެސް.އޭ.އީ ގާއިމުކޮށްފައިވާ މި ލެބޯޓަރީއަކީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި، މޫސުމީ ބަދަލުތަކާމެދު ދަނޑުވެރިން ހޭލުންތެރިކުރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ މަރުކަޒެއްކަަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވި ގޮތުގައި އެ މަރުކަޒުގައި ފަސްގަނޑު ތަހުލީލުުކުރުމާއި، ގަސްގަހާގެހީގެ ބަލިތައް ދެނެގަތުމާއި، ސޫފާސޫފި ދިރާސާކުރުމާއި، ޕްލާންޓް ޓިޗޫ ކަލްޗާކުރުން ފަދަ ޒަަމާނީ ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.

އަދި މި މަރުކަޒަކީ މުޅި ރާއްޖޭގައި އެމްގެޕް ތަންފީޒުކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްކަން ވަޒީރު ފާހަގކުރެއްވިއެވެ. އަދި އެ މަރުކަޒު މެދުވެރިކޮށް ސަރަހައްދީ ފެންވަރެއްގައި ދަނޑުވެރިންނަށް ބޭނުންވާ މައުލޫމާތާއި ފަންނީ އިރުޝާދު ފޯރުކޮށްދެވޭނެކަމަށް ވިދާޅުވިއެވެ.

"މޫސުމީ ބަދަލުތަކާ ގުޅޭނޭފަދަ ބާވަތްތައް އިޚްތިޔާރުކުރުމަށް މަގުފަހިވުމުގެ އިތުރުން، ބަލިތައް ހަރުދަނާކަމާއެކު ކޮންޓްރޯލްކުރުމަށާއި ފަސްގަނޑުގެ ފެންވަރު ރަނގަޅުކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ.،" ވަޒީރު ވިދާޅުވިއެވެ.

އަދި މި މަރުކަޒު ވެގެންދާނި ދަނޑުވެރިކަމުގެ އިރުޝާދާއި ލަފާ ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ސީދާ ދަނޑުވެރިންނަށް އެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ތައުލީމާއި ހުނަރު ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާނެ މަރުކަޒަކަށް ކަމުގައި ވަޒީރު ވިދާޅުވިއެވެ.