ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލް އިން ކުޑަހުވަދޫގައި އައު ބްރާންޗެއް ހުޅުވައިފި

ބީއެމްއެލް އިން ކުޑަހުވަދޫގައި އައު ބްރާންޗެއް ހުޅުވައިފި

އައު ބްރާންޗް ހުޅުވާފައި ވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި، ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގައުމީ ބޭންކުން ބުނީ އަލަށް ބިނާކުރި މި ބްރާންޗް ހުޅުވުމާއެކު ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗްގެ މަސައްކަތްތައް އައު ބްރާންޗަށް ބަދަލުކުރެވުގެން ދާނެކަމަށެވެ. މީގެ ސަބަބުން ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ އިތުރުވަމުންދާ ބޭންކިން ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ކުޑަހުވަދޫގައި ބޭންކުގެ އައު ބްރާންޗެއް ހުޅުވިގެން ދިއުމާ ގުޅިގެން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކުޑަހުވަދޫގައި ހުޅުވުނު އައު ބްރާންޗަކީ ރަށްތަކުގެ އިންފްރާސްޓްރަކްޗަރއަށް ކުރާ އިންވެސްޓްމަންޓާއި، ޒަމާނީ ބޭންކިންގް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތައް ދައްކުވައިދޭ ކަމެއް ކަމަށެވެ.

މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 12 ބްރާންޗެއް ހުޅުވުމަށް ބޭންކުން ވަނީ ނިންމާފައެެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުގެ އަމާޒެވެ.