ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސްކަން ކުރެއްވި ބޭފުޅުން އުޅެނީ އަދިވެސް ވެރިކަމުގެ އަމަލު ނުފިލައިގެން: މެމްބަރު މުހައްމަދު

ރައީސްކަން ކުރެއްވި ބޭފުޅުން އުޅެނީ އަދިވެސް ވެރިކަމުގެ އަމަލު ނުފިލައިގެން: މެމްބަރު މުހައްމަދު

ފާއިތުވެ ދިޔަ 15 ވަރަކަށް އަހަރު މަސައްކަތް ކުރެއްވި ބޭފުޅުން އަދިވެސް އުޅެނީ ވެރިކަމުގެ އަމަލު ނުފިލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު ވިދާޅުވީ ރަށްތަކާއި ސިޓީތައްވެސް ތަރައްގީވެ އެންމެ ފައިދާ ބޮޑު ގޮތަކީ ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ.

މެމްބަރު އިތުރަށް ވިދާޅުވީ އެކިއެކި ނަންނަމުގައި ކެންޑިޑޭޓުން ނެރެމުންދަނީ ގައުމާއި ރައްޔިތަކަށް އެއްވެސް ހެވެއް އެދިގެނެއްނޫން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށަހެޅި 1،936 ފޯމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރަން ހުށަހެޅިި 1،611 ފޯމެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ހުރިހާ ފޯމެއްވެސް މިހާރު ޕްރޮސެސްކޮށް، ފޯމު ހުށަހެޅި ފަރާތްތަކަށް ޖަވާބު ދީފައިވާ ކަމަށެވެ. އެގޮތުން، ޖުމްލަ 2،993 މީހެއްގެ ކެންޑިޑެސީ ގަބޫލުކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި ނިންމުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ރަށްރަށުން ޖުމްލަ 1،610 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 1،383 ކެންޑިޑޭޓުން ވާދަކުރާނެއެވެ.