ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާޒިމްއާއި ކުރީ އިސްލާމީ ރިވެތި ސަލާމެއް، އެމްޑީޕީގެ ސިފައަކީ އަވާމެންދުރަށް ހުވަފެން ބެލުން: ނިމާލް

އެލްޖީއޭއަށް ނިމާލް އައްޔަންކުރައްވައި ފަތްކޮޅު އަރުވަނީ؛ ފޮޓޯ: ރައީސް އޮފީސް
އެލްޖީއޭއަށް ނިމާލް އައްޔަންކުރައްވައި ފަތްކޮޅު އަރުވަނީ؛ ފޮޓޯ: ރައީސް އޮފީސް

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި މަގުމަތިން ކުރީ އިސްލާމީ ރިވެތި ސަލާމެއް ކަމަށާއި، އެމްޑީޕީގެ ސިފައަކީ އަވާމެންދުރަށް ބަލައިގެން ހުވަފެނެއްގެ ތެރޭގައި ތިބުންކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލް މިހެން ވިދާޅުވީ ހުޅުމާލޭ ޑޯޓުޑޯ އިވެންޓްގެ ތެރެއިން މަގުމަތިން މާލޭ ސިޓީ މޭޔަރ އާދަމް އާޒިމްއާއި ސަލާމް ކުރައްވާ ފޮޓޯއެއް އިދިކޮޅުން ދައުރުކުރުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާޒިމް އާއި ނިމާލް ސަލާމް ކުރައްވަނީ، މިއީ ޕީއެންސީން ހުޅުމާލޭގައި ބޭއްވި ޑޯޓުޑޯ ހަރާކާތުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް

ނިމާލް ވިދާޅުވީ އޭނާ ދަންނަ އެކަކުވެސް އޭނާ އާޒިމަށް ތާއީދުކޮށްފާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާނޭ ކަމަށެވެ. އަދި އެފޮޓޯ ބަލައިގެން ހިނދުކޮޅަކަށް ހިތްހަމަޖެހުމެއް ލިބޭނަމަ އެކަން ކުރަންވީ ކަމަށެވެ.

މީގެ އިތުރުން ރައީސް ޑރ މުއިއްޒަކީ 2023 ހުގައި ރާއްޖެއަށް އެންމެ ރަނގަޅު ޗޮއިސްކަމުގައި ރައްޔިތުން ނިންމާފައިވާ ކަމަށެވެ. އަދި ރައީސް އަށް ތާއީދުކޮށް އެމަސައްކަތުގައި އުޅެވުމުން މިއަދުވެސް އުފާކުރައްވާ ކަމަށެވެ. މި ގައުމުގެ މުސްތަގުބަލައްޓަކައި އަދިވެސް ރާއްޖެއަށް އެންމެ ރަނގަޅު ޗޮއިސް އަކީ ރައީސް މުއިއްޒުކަމުގައި ނިމާލު ވިދާޅުވިއެވެ.

އަދި 2028 ގައިވެސް އޭނާ ހުންނަވާނީ ރައީސް އާއި މި ސަރުކާރު ދިފާއުގައި ކަމަށާއި އެއީ އެއްވެސް ބަޔަކަށް އޮޅުވައިނުލެވޭނެ ކަމެއް ކަމަށެވެ.

ނިމާލް ކުރިން ހުންނެވީ މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މާގާމުގައެވެ. އެ މަގާމުގައި ހުންނެވިއިރު އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑުގައި އިންނަވާ މެންބަރުގެ މަގާމުވެސް ނިމާލް އަދާކުރެއްވިއެވެ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުން ނިމާލް އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ.

2012 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު އެންމެ ފުރަތަމަ އަދާކޮށްފައިވަނީވެސް މުޙައްމަދު ނިމާލެވެ. އަދި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް މުޙައްމަދު ނިމާލް ވަނީ އަދާކުރައްވާފައެވެ.

މުޙައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.