ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހި ރައްޔިތުންނަށް އަހަރަކު އެއްފަހަރު ރިސޯޓު ފައިދާއިން ޑޮލަރު ޖަމާކޮށްދެނީ!

ދިވެހި ރައްޔިތުންނަށް އަހަރަކު އެއްފަހަރު ރިސޯޓު ފައިދާއިން ޑޮލަރު ޖަމާކޮށްދެނީ!

ރާއްޖޭގައި އަލަށް ތަރައްގީކުރާ 10 ރިސޯޓަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ދިވެހި ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޑޮލަރުން ޖަމާކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.

ހަގީގަތުގައި މި ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާއަތް. މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން ކަމުގައިވާ ރީތި ގޮނޑުދޮށްތަކާއި ފަޅުތަކާއި ރަށްތައް ފަދަ ގުދުރަތީ އެސެޓުތައް ދިގު މުއްދަތަކަށް އެންމެ ބޮޑަށް ބޭނުން ކުރަމުންދާ އަދި މަދު ހާލަތެއްގައި މެނުވީ އިއާދަނުކުރެވޭ ބޮޑު ބަދަލުތަކެއް އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާއަތެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ގުދުރަތީ އެސެޓުތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނިޒާމީ ގޮތެއްގައި ހަމަޖެހެން ބޭނުންވާ ކަމަށެވެ.

"މިކަމާ މެދުގައި ކެބިނެޓުގައި މަޝްވަރާކޮށް ސަރުކާރުން މިހާރު ނިންމާފައި ވަނީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއް ފަހަރު ބޭރު ފައިސާ އިން ޖަމާކޮށްދޭން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ މުޅި ރާއްޖެއަށް ހޯދައި ދިނުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. އެގޮތުން މިހާތަނަށް ފަތުރުވެރިކަން އެދެވޭ ގޮތެއްގައި ތަރައްގީވެފައި ނުވާ ހަ އަތޮޅުގައި ހަލާލް ޓޫރިޒަމް ހިމެނޭހެން ފަތުރުވެރިކަން ފުޅާ ކުރުމަށް ހާއްސަ އިނާޔަތްތަކާއެކުގައި އިންވެސްޓްމަންޓުތަކަށް ހުޅުވާލެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާތަނަށް އައިއިރު އަށް ތަނެއް ވަނީ އެވޯޑް ކުރެވިފައި. އަދި ހަ ތަނެއް ކުއްޔަށް ދޫކުރަން އެއްބަސްވުމުގައި ސޮއިކުރެވިފައިވޭ. މީގެއިތުރުން ހަލާލް ޓޫރިޒަމްގެ އެއް ރަށް ވަނީ ކުއްޔަށް ދޫކުރެވިފައި." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.