ކުޅިވަރު އާއިލާއަށް އުފާވެރި ހަބަރެއް، އެތައް ދުވަހެއް ފަހުން ގައުމީ ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭން ފަށައިފި
ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރިންނާއި، އޮފިޝަލުންނަށް މިއަދުން ފެށިގެން ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެއްވަން ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއް ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސްގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.
ކުޅިވަރު އެތުލީޓުންނަށް ހެލްތު އިންޝުއަރެންސްގެ ފުރުޞަތު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
Ads by BMLޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ދިނުމުގައި މީގެކުރިން ގޮންޖެހުމަކަށް ވެފައި އޮތީ ކުޑަ ދުވަސްކޮޅަކަށްފަހު ކުޅުންތެރިން ސްކޮޑުން ބަދަލުވުން ކަމަށާއި، އެހެންނަމަވެސް މިހާރު އެކަމަށްވެސް ހައްލެއް ހޯދިއްޖެ ކަމަށް މީގެ ކުރިން ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ވަކި ކުޅުންތެރިޔަކަށް އިންޝުއަރެންސް ދިނުމުގެ ބަދަލުގައި ވަކި އަދަދެއް ކަނޑައަޅައިގެން އެކަން ކުރެވޭގޮތަށް މިހާރު ކުންފުނިތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ވާހަކަދެކެވި އެކަމަށްވެސް ހައްލު ހޯދިއްޖެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
Ads by MACL
