އާރްޑީސީގެ ފްލީޓައް އިތުރު 230 ވެހިކަލް، މަގުހެދުމާއި އުމްރާނީ މަޝްރޫޢުތަކަށް އިންގިލާބީ ބަދަލެއް ގެނުވާނެ!
ރޯޑު ޑިވޮލޮޕްމަންޓް ކޯޕަރޭޝަނަށް އިތުރު 230 ވެހިކަލާއި މެޝިނަރީޒްތައް ހޯދުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއި ކުރީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ ވެހިކަލް އުދައްފާ ޗައިނާގެ އެކްސީއެމްޖީއާއި އައިޑީއެސްއާއި ދެމެދުއެވެ.
އާރްޑީސީން ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ހެވީ މެޝިނަރީގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން ގާއިމް ކުރެވުނު މުހިންމު އެއްބަސްވުމެއް ކަމުގައެވެ.
Ads by BMLޗައިނާގައި މިއަދު ސޮއިކުރި މި "ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓް" އަކީ އާރްޑީސީ އާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަނާއި ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މުޢާމަލާތެކެވެ.
މި އެއްބަސްވުމުގެ ދަށުން، މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި މެޝިނަރީ ތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒާކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް އެކްސް.ސީ.އެމް.ޖީ އާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް އާރްޑީސީން ބުނެއެވެ.
މި އެއްބަސްވުމުގައި އައި.ޑީ.އެސްގެ ފަރާތުން ސޮއިކުރެއްވީ އައި.ޑީ.އެސް. އަދި އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.
އެކްސް.ސީ.އެމް.ޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސައުތު އޭޝިއާ ސަރަޙައްދުގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޓޫ ހުއި އެވެ. މި ރަސްމިއްޔާތުގައި އެކްސް.ސީ.އެމް.ޖީގެ ގްލޯބަލް ބިޒްނަސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޒައި ކުން އާއި އާރް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީހް އަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by MACL
