ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއޭސީއެލް އިން އިސްނަގައިގެން ވީއައިއޭގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް; މިމަހު 31 އިން ފެބްރުއަރީ 1 އަށް

އެމްއޭސީއެލް އިން އިސްނަގައިގެން ވީއައިއޭގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް; މިމަހު 31 އިން ފެބްރުއަރީ 1 އަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 އަދި ފެބްރުއަރީ 1 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ) ގައެވެ.

މިއީ ކޮންމެ އަހަރަކުވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. ނަމަވެސް، އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮގްރާމް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން، އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އެކި އިދާރާތަކާއި، މުއައްސަސާތަކާއި، އެއާޕޯޓުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އިތުރުން ރިސޯޓް މުވައްޒަފުންނަށް ވެސް މިހާރު ވަނީ ލޭ ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ޕްރޮގްރާމް މިގޮތަށް ބަދަލުކޮށް ފުޅާކުރުމުގެ އެންމެ ބޮޑު މަގަސަދަކީ، މި ދުވަސްވަރު ލޭ ލިބުން ދަތިވެފައިވާތީ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވުމެވެ. އަދި ކުރިއަށް އޮތް ރޯދަމަހަކީ ކޮންމެ އަހަރަކުވެސް ލޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ދުވަސްވަރަކަށް ވާތީ، އެކަމަށް ސަމާލުވެ، ލޭގެ ސްޓޮކް އިތުރުކުރުމަށް އެހީތެރިވުމަކީ ވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ.

މިއީ އިޖުތިމާޢީ ޒިންމާގެ ދަށުން، ލޭ ބޭނުންވާ ފަރާތްތަކަށް، ހާއްސަކޮށް ތެލެސީމިއާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން އެމްއޭސީއެލް އިން ކުރިއަށް ގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން އޮންލައިން ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން https://tinyurl.com/46y3p7m7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ހަރަކާތަކީ އެއާޕޯޓް ކޮމިއުނިޓީގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އިންސާނިއްޔަތަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.