ސައުދީގެ ހުރިހާ ހިސާބެއްގައި އިސްތިސްޤާ ނަމާދު ކުރުމަށް ރަސްގެފާނު އަމުރުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ހުރިހާ ހިސާބެއްގައި އިސްތިސްޤާ ނަމާދު ކުރުމަށް ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަމުރުކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ނެރުއްވި ޝާހީ ޤަރާރުގައިވާ ގޮތުން، އަންނަ ބުރާސްފަތި ދުވަހު ސަޢޫދީގެ ހުރިހާ ސަރަޙައްދެއްގައި އިސްތިސްޤާ ނަމާދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ކުޅަދާނަކަން ލިބިގެންވާ ހުރިހާ ރައްޔިތުން މި ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ރަސްގެފާނު ވަނީ ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، ގިނަގިނައިން ތައުބާވެ އިސްތިޣްފާރު ކުރުމަށާއި، އިޙްސާންތެރިކަން އިސްކޮށް، ސުންނަތް ނަމާދުތަކާއި ހެޔޮ އަމަލުތައް ގިނަކުރުމަށްވެސް ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައިވެއެވެ.
Ads by BMLއިސްތިސްޤާ ނަމާދަކީ ވާރޭ ނުވެހި ގިނަދުވަސްވެ، ހަނަފަސްކަން ކުރިމަތިވުމުން، އެކަމުން މިންޖުކޮށްދެއްވައި ރަޙުމަތުގެ ވާރޭ ވެއްސަވައިދެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދަންނަވައި، ބޮޑު ޖަމާޢަތުގައި ކުރާ ސުންނަތް ނަމާދެކެވެ. މިއީ ރަސޫލުﷲ ﷺ ގެ ސުންނަތުން ސާބިތުވާ ކަމެކެވެ.
މި ނަމާދަކީ ދެ ރަކުޢަތުގެ ނަމާދެކެވެ. ފުރަތަމަ ރަކުޢަތުގައި ހަތް ތަކުބީރު އަދި ދެވަނަ ރަކުޢަތުގައި ފަސް ތަކުބީރު ކިޔުމަށްފަހު، ނަމާދު ނިމުމުން ޚާއްޞަ ޚުޠުބާއަކާއި ދުޢާއެއް އޮވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ނަމާދަކާ ނުލައިވެސް މި ދުޢާ ކުރެވިދާނެއެވެ. ނަމަވެސް އެންމެ މޮޅު އިތުރު ގޮތަކީ ދެ ރަކުޢަތުގެ ނަމާދަށްފަހު ދުޢާ ކުރުމެވެ.
ސަޢޫދީ ޢަރަބިއްޔާގައި 2017 ވަނަ އަހަރުވެސް މިފަދައިން އިސްތިސްޤާ ނަމާދު ކޮށްފައިވާއިރު، ދިވެހިރާއްޖޭގައިވެސް 2019 ވަނަ އަހަރު މި ނަމާދު ބާއްވާފައިވެއެވެ.
Ads by MACL
