ސިއްހީ ދާއިރާއިން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ މުއިއްޒު!
ދުނިޔޭގެ މަޝްހޫރު "ޓައިމް" މެގަޒިންއިން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ.
އެމެރިކާގެ ޓައިމް މެގަޒިންއިން 2026 ވަނަ އަހަރަށް އެކުލަވާލި މި ލިސްޓުގައި ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގަތީ، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ބެލުމަށްފަހުގައެވެ.
މިއީ ދިވެހި ލީޑަރަކަށް ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ ޝަރަފެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
Ads by BMLޓައިމް މެގަޒިންއިން ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައެވެ.
ވަކިން ހާއްސަކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށާއި، ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރަށް އެ މެގަޒިންއިން ވަނީ ތައުރީފުކޮށްފައެވެ.
މި ލިސްޓުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއި، ސިއްހީ މާހިރުން އަދި އީޖާދުވެރިން ހިމެނޭއިރު، ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގަތުމަކީ ރާއްޖެއަށް ލިބުނު ފަޚުރެކެވެ.
މިއީ ރައީސް ޑރ. މުއިއްޒާއި، ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފްގެ އިރުޝާދުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
Ads by MACL
