ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ ހިއްކުން: ސައިޓް އޭގެ 116 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެ ހިއްކުން: ސައިޓް އޭގެ 116 ހެކްޓަރުގެ ބިން ހިއްކައިފި

މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ދަށުން، ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 116 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެ މަޝްރޫއު ހިންގާ ކުންފުނި، އެމްއޭސީއެލްއިން މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން "ޓްރެއިލާ ސަކްޝަން ހޮޕާ"ގެ އެއް ޑްރެޖަރު ކަމަށްވާ "ކްރިސްޓަބެލް ކޮލޯން" ކިޔާ ޑްރެޖަރު ރާއްޖެ ގެނެސް ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ތިން ގުނަ ހަލުވި ކޮށްފައެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން އިސްކަންދޭ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ މަސައްކަތް ފެށީ 2023 އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ސައިޓް އޭގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ.

އެ މަޝްރޫއުގެ އަދާހަމަ ހިއްސާ ކުރައްވަމުން އެމްއޭސީއެލް އިން މިއަދު ވިދާޅުވީ، ރަސްމާލެ ސައިޓް އޭ ގެ 116 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 84.36 އިންސައްތަ ކަމަށެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. އެ މަޝްރޫއުގެ މަސައްކަތް 12 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މަސައްކަތް މިހާރު ދަނީ ވަރަށް ބާރު ސްޕީޑުގައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިއާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށެވެ. މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފްވެގެންދާނެ މަޝްރޫއެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.