ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2024 ވަނަ އަހަރަކީ އުމައިރުއަށް ކާމިޔާބު އަހަރެއް، 13 މެޑަލާއިއެކު ފަހުގެ ތާރީހުގައި އުފެދުނު ހުނަރުވެރި ކުޅުންތެރިއެއް!

2024 ވަނަ އަހަރަކީ އުމައިރުއަށް ކާމިޔާބު އަހަރެއް، 13 މެޑަލާއިއެކު ފަހުގެ ތާރީހުގައި އުފެދުނު ހުނަރުވެރި ކުޅުންތެރިއެއް!

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ކުޅިވަރު އެވޯޑް (ސްޕޯޓްސް އެވޯޑްސް) އަށް ނޮމިނޭޓުވި ފަރާތްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން މުޙައްމަދު އުމައިރު ހިމެނުމާއެކު، މީސްމީޑިއާގައާއި އާންމުންގެ ތެރޭގައި މިވަނީ އެކި ގޮތްގޮތަށް ވާހަކަ ދެކެވެން ފަށާފައެވެ.

ނަމަވެސް، މިކަމުގެ ހަގީގަތަށް ބަލާއިރު، މިއީ ހަމައެކަނި ސިޔާސީ ނަޒަރަކުން ބަލަންޖެހޭ ކަމެއް ނޫންކަން ދަންނަން ޖެހެއެވެ.

އުމައިރު ސްޕޯޓްސް އެވޯޑަކަށް ނޮމިނޭޓުވެފައިވަނީ އޭނާ ކުޅިވަރުގެ މައިދާނުގައި ދައްކަމުންދާ މޮޅު ކުޅުމާއި، ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ސަބަބުންނެވެ.

އުމައިރުއަކީ ފާއިތުވި ދުވަސްތަކުގައި އެކި މުބާރާތްތަކުގައި ބައިވެރިވެ، އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައިވާ ޒުވާނެކެވެ. ކުޅިވަރުގެ ދާއިރާގައި އޭނާ ދައްކާފައިވާ އަޚުލާގާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަންކަމެވެ.

2024 ވަނަ އަހަރު ވަނީ ގިނަ ކާމިޔާބުތަކެއް ހޯދާފަ.

62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް 2024:
ފުރަތަމަ ޑިވިޝަން ފިރިހެން ސިންގަލްސް ބްރޯންޒް މެޑަލް.
17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ރިހި މެޑަލް.
15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ރަން މެޑަލް.
ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް އިން ރިހި މެޑަލް.
15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިން ރިހި މެޑަލް.
17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިން ރަން މެޑަލް.
17 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް އިން ރިހި މެޑަލް.

30 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2024:

17 އހަރުން ދަށުގެ ފިރިހެން ސިންގަލްސް އިން ރިހި މެޑަލް.
15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިން ރަން މެޑަލް.
15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިން ރަން މެޑަލް.
17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިން ރަން މެޑަލް.
17 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް އިން ރިހި މެޑަލް.

މި ނަތީޖާތަކަށް ބަލާއިރު، އުމެއިރަކީ ފަހުގެ ތާރީހުގައި ރާއްޖޭގައި އުފެދުނު މޮޅު ހުނަރުވެރި ޓީޓީ ކުޅިންތެރިއެކެވެ. އެހެންކަމުން ދަރިންގެ ބުރަމަސައްކަތުން ހޯދާ ކާމިޔާބުތަކަކީ ސިޔާސީ ކަންކަމަށް ހެދުމަކީ އެއްވެސް މީހެއްގެ ކިބައިން އެދެވިގެންވާ ކަމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީ، ލިބެންޖެހޭ ހައްގު އިނާމަކުން ނުވަތަ ޝަރަފަކުން އުމައިރު އިސްތިސްނާވުމަކީ އިންސާފެއް ނޫނެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ ހަމަހަމަ ފުރުސަތުތަކުގެ ދަށުން، އުމައިރުއަށްވެސް އޭނާގެ ކާމިޔާބީ ފާހަގަކުރުމުގެ ފުރުސަތު އޮންނަންވާނެއެވެ.

އޭނާއަށް ލިބިފައިވާ ނޮމިނޭޝަނަކީ އޭނާގެ ހުރި ކުޅިވަރުގެ ފެންވަރަށް ބަލައި ދީފައިވާ އެއްޗެއްކަމަށްވާނަމަ، އެކަމަށް އިހުތިރާމްކުރަންޖެހެއެވެ.

މިއަދުގެ މުޖުތަމައުގައި ފެންނަމުންދާ އެންމެ ހިތާމަވެރި އެއް ކަމަކީ ކޮންމެ ކަމަކާ ސިޔާސީ ކުލަޖެއްސުމެވެ. ޒުވާނުންގެ ކުރިއެރުމާއި، ކުޅިވަރުގެ ރޫހަށް ބަލާއިރު، މިފަދަ ކަންކަމުގައި ސިޔާސީ ތައައްސުބު ގެންގުޅުމަކީ ޒުވާން ކުޅުންތެރިންގެ ހިތްވަރު އެލޭނެ ކަމެކެވެ.

ކުޅިވަރަކީ އެންމެން އެއްބައިކުރުވާ ވަސީލަތަކަށްވާއިރު، އަމިއްލަ ހުނަރުން ކުރިއަށްދާ ޒުވާނުންގެ ކާމިޔާބީތަކަށް މަރުހަބާ ކިޔުމުގެ ސަގާފަތެއް އަޅުގަނޑުމެންގެ ތެރޭގައި އާލާކުރަންޖެހެއެވެ.

އުމައިރުގެ ނޮމިނޭޝަނަކީ އޭނާގެ ކުޅިވަރުގެ ހަޔާތުގައި ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މިކަމުގައި އާއިލީ ނިސްބަތަށްވުރެ ބޮޑަށް ބަލަންވީ އޭނާގެ ފަންނުވެރިކަމަށެވެ.

ކުޅިވަރުގެ މައިދާނަކީ ސިޔާސީ ކަންކަމުން އެއްކިބާވެފައިވާ، ހަމައެކަނި ހުނަރާއި ގާބިލުކަމަށް ވަޒަންކުރެވޭ ތަނަކަށް ހެދުމަކީ މުޅި ގައުމަށް ލިބޭނެ ކުރިއެރުމެކެވެ.

މިރޭގެ އެވޯޑު ހަފުލާގައި އުމެއިރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެމެވެ.