ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

3 ދައުރެއް ނިމުނުއިރު މަގެއް ފުޅާކޮށްލުމުގެ ވިސްނުމެއް އައި ނަމަ!

ބާޒާރު މަތީ މަގުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ:ފޮޓޯ/ އެމްޓީސީސީ
ބާޒާރު މަތީ މަގުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ:ފޮޓޯ/ އެމްޓީސީސީ

ވެރިރަށް މާލެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ އާބާދީ ބޮޑު، އަދި އެންމެ ތޮއްޖެހިފައިވާ އެއް ސިޓީއެވެ.

ޚާއްޞަކޮށް މާލޭގެ ވިޔަފާރީގެ މައި ހަބް ކަމުގައިވާ ބާޒާރު މަތީގެ ސަރަޙައްދަކީ ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު ޚިދުމަތް ހޯދުމަށާއި މުދާ އުފުލުމަށް ބޭނުންކުރާ ސަރަޙައްދެކެވެ.

ނަމަވެސް، މި ސަރަޙައްދުގެ މަގުތައް ހުރި ގޮތުން އާންމުންނަށާއި ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

ފާއިތުވި ތިން ދައުރަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ.

ނަމަވެސް، މާލޭގެ ބާޒާރު މަތީގެ މަގުތައް ފުޅާކޮށް، އެ ސަރަޙައްދުގެ ތޮއްޖެހުން ހައްލުކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ނުވަތަ އިޚްލާޞްތެރި ވިސްނުމެއް ނިމިދިޔަ ސަރުކާރުތަކުން ގެންގުޅެފައިވާތަނެއް ނުފެނެއެވެ.

ގިނަ ފަހަރަށް ފެނިގެން ގޮސްފައިވަނީ ވަގުތީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރި ތަނެވެ.

އިޤްތިޞާދީ ގޮތުން އެންމެ މުހިންމު މި ސަރަޙައްދު އޮތީ ޒަމާނާ ނުބައްދަލު، ހަނި މަގުތަކެއްގެ ގޮތުގައެވެ.

މިކަމުގެ ސަބަބުން މަގުތަކުގެ ތަރުތީބު ގެއްލި، މާލޭގެ މައި ބާޒާރު އޮތީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައެވެ.

ބާޒާރު މަތީގެ މަގުތައް ފުޅާކޮށްލެވިއްޖެނަމަ، އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް މުޅި މުޖުތަމަޢަށް ކުރާނޭކަން އެވެރިންނަށް ނޭގެނީބާއޭ ހިތަށް އަރައެވެ.

ދަތުރުފަތުރުގެ ވަގުތު ސަލާމަތްވުމަކީ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.


ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި ބޭނުންވަނީ ދުރުވިސްނޭ، ހިތްވަރުގަދަ ނިންމުންތަކެކެވެ.

ނިމިދިޔަ ތިން ދައުރުގައި މިކަމަށް އިސްކަން ނުދެވުމުގެ ނަތީޖާއަކީ މިއަދު އާންމު ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފެވެ.

އެހެންކަމުން، ކުރިއަށް އޮތް ތަނުގައި މާލޭގެ އުމްރާނީ ތަރައްޤީ ބައްޓަންކުރާއިރު، ބާޒާރު މަތީ ފަދަ މުހިންމު ސަރަޙައްދުތަކުގެ މަގުތައް ފުޅާކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

މިހާރުގެ ސަރުކާރުން މިކަމަށް ދެއްވާފައިވާ އިސްކަމަށް ބަލާއިރު، ބާޒާރު މަތީގެ ތޮއްޖެހުން ހައްލުކުރުމަށްޓަކައި އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.

އެގޮތުން މަގުތަކުގައި މުދާ ބެހެއްޓުމާއި، ގަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކުކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ.

ޚާއްޞަކޮށް، ބާޒާރު މަތީގެ މަގުތައް މަރާމާތުކޮށް، ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް ފަސޭހަވާނެހެން މަގުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ވަނީ ރޭވިފައެވެ.

މީގެ އިތުރުން، މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ބާޒާރު މަތީގެ މަގުތަކަކީ ޒަމާނީ ފެންވަރަށް، ފެންހިިންދާ ނިޒާމާއެކު ފުޅާކޮށް ހެދޭނެ މަގުތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.