ރައީސް ޑރ މުއިއްޒު އާއިއެކު ހެންވޭރު ހުޅަނގު ދާއިރާގެ ގޭބިސީތަކަށް ޕީއެންސީގެ ކެންޑިޑޭޓުން ޒިޔާރަތްކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލޭގެ ހެންވޭރު ހުޅަނގު ދާއިރާގެ ބައެއް ގޭބިސީތަކަށް މިއަދު ޒިޔާރަތްކުރައްވައި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް އޮޅުންފިލުއްވައިފިއެވެ.
މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ 'ދޮރުން ދޮރަށް' ހަރަކާތުގެ ތެރެއިން އެމަނިކުފާނު ކުރެއްވި ޒިޔާރަތެކެވެ. މިއީ މާލެ ސަރަހައްދުގެ ގޭގައަށް ކުރައްވަން ފެއްޓެވި 'ދޮރުން ދޮރަށް' ހަރަކާތުގެ ތެރެއިން އެމަނިކުފާނު ގޭގެއަށް ޒިޔާރަތްކުރައްވާ ތިންވަނަ ދުވަސްއެވެ.
މިއަދު އެމަނިކުފާނު ވަޑައިގެންފައިވަނީ ހެންވޭރު ހުޅނގު ދާއިރާގެ ގޭގެއަށެވެ.
Ads by BMLމި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުން ވަނީ އެމީހުންނަށް ދިމާވެފައިވާ އެކި ދަތިތަކާއި، ޚާއްސަކޮށް ދިރިއުޅުމުގެ ޚަރަދުތަކާއި ބޯހިޔާވަހިކަމުގެ ދަތިތަކާ ގުޅޭގޮތުން ރައީސާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. ރައީސް ވަނީ ރައްޔިތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި، ޕީއެންސީގެ އިސްވެރިންގެ އިތުރުން މާލޭގެ އެކި ދާއިރާތަކަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެން ގޭގެއަށް ޒިޔާރަތްކުރެއްވިއެވެ. މީގެއިތުރުން، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވެސް ވަނީ ރައީސް މުއިއްޒާއެކު މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީއެންސީގެ ދޮރުން ދޮރަށް ހަރަކާތަށް ނިކުންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު އެ މަނިކުފާނު ވަނީ މާފަންނު ހުޅަނދު ދާއިރާގެ ގެތަކަށް ވަޑައިގެންފައެވެ. އޭގެފަހުން އިއްޔެ އެމަނިކުފާނު ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޭގެއަށްވެސް ވަޑައިގެންފައެވެ.
ޕީއެންސީން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ދާއިރާތަކުގެ ކެމްޕޭން ހަރަކާތްތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވީ އެ ޕާޓީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހާތަނަށް އިންތިހާބަކާ ނުލައި ޕީއެންސީން 69 ގޮނޑި ކާމިޔާބުކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ. ސަރުކާރު ހިންގާ ޕާޓީން އަންނަނީ މި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށް މުޅި ރާއްޖޭގައި ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް ހިންގަމުންނެވެ.
Ads by MACL
