ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ކުދި ޖަޒީރާ ޤައުމުތަކުގެ މައްސަލަތަށް ހައްލުކުރަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ވަޒީރު ޚަލީލް

އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ކުދި ޖަޒީރާ ޤައުމުތަކުގެ މައްސަލަތަށް ހައްލުކުރަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ވަޒީރު ޚަލީލް

ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމަށްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި ތަޤްރީރުކުރައްވަމުންނެވެ.

ޚާރިޖީ ވަޒީރުގެ ތަޤްރީރުގައި ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުޞޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން އަދި އިންސާނީ ޙައްޤުތައް ކަށަވަރުވެފައިވާ ބައެއްކަން ހަނދާންކޮށްދެއްވައި، އެ އުޞޫލުތައް ނެގެހެއްޓުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމާއި މަޝްވަރާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.

ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކުރުމަށާއި، ޤާނޫނު ހިންގުމަށާއި، މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް ކުރަމުންދާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވި އެވެ. ވަޒީރު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިން ފަދަ ޚާއްސަ އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިޖްތިމާޢީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ރާއްޖޭގެ ހަތަރުވަނަ ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު ކާމިޔާބުކަމާއެކު ކުރިއަށް ދިޔަކަން ވަޒީރު ވިދާޅުވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގައި ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށް ރާއްޖެއިން ވަކާލާތު ކުރާނެކަމަށްވެސް ވިދާޅުވި އެވެ.

މި ތަޤްރީރުގައި ވަޒީރު ވަނީ އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 2028 އިން 2030 ގެ ދައުރަށް ރާއްޖެއިން ވާދަކުރާނެކަން ރަސްމީކޮށް އިޢުލާންކުރައްވާފަ އެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ވަޒީރު ޑރ. ޚަލީލްގެ ތަޤްރީރު ނިންމަވާލެއްވީ އިތުބާރު ހިފޭ މިންގަނޑުތައް ދަމަހައްޓައި، އެންމެން ޝާމިލްވާފަދަ ގޮތަކަށް ނިޒާމް ހަރުދަނާކޮށް، ރަނގަޅު ނަތީޖާތަކެއް ޙާޞިލުކުރުމަށް ކައުންސިލަށް ގޮވާލައްވަމުންނެވެ. އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އަލުން ދެއްވި އެވެ.