އެމްޑީޕީގެ ލީޑަރުންނަށް ފަލާހު: ދެން ތި ޕާޓީ ދިރޭކަށް ނެތް، އައު ޕާޓީއެއް އުފައްދައިގެން އަލުން މަސައްކަތް ފަށާ
އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށް ވަކާލާތު ކުރަމުން އަންނަ އެމްޑީޕީ އަލުން ދިރޭނޭ އެއްވެސް ގޮތެއް ނެތް ކަމަށާއި އައު ޕާޓީއެއް އުފައްދަވައިގެން އެ މަސައްކަތް އަލުންބަލުން ފެއްޓެވުމަށް އެމްޑީޕީގެ ލީޑަރުންނަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލުގެ އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު އިލްތިމާސްކުރައްވައިފި އެވެ.
ފަލާހު މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް ހުޅުވުމުގެ ހަފުލާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ހުޅުވައިލި މަގާމުތަކުގެ ތެރެއިން 450 އެއްހައި މަގާމަށް އެމްޑީޕީއަށް ކެންޑިޑޭޓުން ނެރެވިފައި ނުވާ ކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ 30 އިންސައްތައެއްހައި ގޮނޑިއަށް އެމްޑީޕީން ކެންޑިޑޭޓުން ނުނެރެވުމަކީ އެ ޕާޓީއަށް އޮތް ތާއީދު ދަށްވެފައިވާ މިންވަރުގެ މައްޗަށް ދަލީލުކުރާ އަލިގަދަ ހެއްކެއް ކަމުގަ އެވެ.
Ads by BMLފަލާހު ވިދާޅުވީ މިއަދުގެ ސިޔާސީ ހަގީގަތްތަކަށް ބަލާއިރު އިދިކޮޅު އެމްޑީޕީއަށް ދިރުން ގެނައުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެ ޕާޓީގައި ތިއްބެވި ސިޔާސީ މުސްތަގުބަލު ބިނާކުރެއްވުމަށް އެދިވަޑައިގަންނަވާ ލީޑަރުންނަށް އެންމެ ރަނގަޅު ގޮތަކީ އައު ޕާޓީއެއް އުފެއްދެވުންކަމަށެވެ. އެ ނޫން އިތުރު އެއްވެސް ގޮތެއް އެ ޕާޓީއަށް މިއަދު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީއަށް މިހާރު ދިމާވެފައިވާ ހާލަތަކީ 2008 ވަނަ އަހަރުން ފެށިގެން މިރާއްޖޭގެ އިޖުތިމާއީ ފޭރާމާއި އިގުތިސާދާއި ރާއްޖޭގެ މުޖުތަމައާއި ދައުލަތަށް ދީފައި ހުރި ގެއްލުންތަކާއި އެބޭފުޅުންގެ ދޮގުތަކުގެ ސަބަބުން މުޅި ރައްޔިތުންގެ ތާއީދު ގެއްލިފައިވުން ކަމަށެވެ. ގޮތުގައި ދެން އެމްޑީޕީ ކޮޅަށްޖެހޭނެ ހަމަ އެއްވެސް ގޮތެއް އޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ދެން އިތުރަށް ކޮޅަށް ޖެހެން ނެތްކަން ފާހަކުރައްވައި ފަލާހު ވަނީ ސިޔާސީ ހަރަކާތް ކުރިއަށްގެންދަވަން ބޭނުންފުޅުވާ އެމްޑީޕީގެ ލީޑަރުންނަށް އިލްތިމާސެއް ވެސް ކުރައްވާފަ އެވެ. އެ އިލްތިމާސަކީ މުޅިން އައު ޕާޓީއެއް އުފައްދަވައިގެން އެ މަސައްކަތް އަލުންބަލުން ފެއްޓެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑު ދެކިވަޑައިގަންނަވާ ގޮތުގައި އަލުން އެމްޑީޕީ ކޮޅަށް ޖެހޭނެ އިތުރު ގޮތެއް ދެން ނެތް. އެހެންވީމާ ދެން އޮތް ގޮތަކީ މުޅި އައު ޕާޓީއެއް އުފައްދައިގެން އެ މަސައްކަތް ކުރުން. އަޅުގަނޑު ސިޔާސީ ހަރަކާތް ކުރިއަށްގެންދަވަން ބޭނުންފުޅުވާ އެމްޑީޕީގެ ލީޑަރުންނަށް އިލްތިމާސް ކުރަނީ މުޅިން އައު ޕާޓީއެއް އުފައްދަވައިގެން އެ މަސައްކަތް އަލުންބަލުން ފައްޓަވާށޭ." ފަލާހު ވިދާޅުވި އެވެ.
ރަމަޟާން މަހުގައި އަޅުކަންކުރެއްވުމަށްފަހު ދުވާލު މާލޭގައި ދޮރުން ދޮރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހިންގަވަމުންދާއިރު، އަދި އެމަނިކުފާނުގެ އަނބިކަނބަލުން ރޭ އަޅުކަމަށްފަހު ގައުމީ ސިޔާސީ މަސައްކަތުގެ ކުރީ ސަފުގައި ހުންނަވާއިރު، މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމު ކެމްޕެއިނުގައި އުޅުއްވަނީ ގިނިކަންޏާކަން ފަލާހު ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ކޮންގްރެސް ޕާޓީ ފިޔަވައި ދައުލަތުން އެންމެ ގިނަ ފައިސާ ލިބޭ ޕާޓީއަށްވާއިރު، އެ ޕާޓީގެ ކެންޑިޑޭޓުންނަށް އެންމެ ޒަރޫރީ ކަންކަމުގައި ޕާޓީގެ ފަރާތުން މާލީ އެހީތެރިކަން ނުލިބޭ ކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި ޕާޓީތަކަށް ދައުލަތުން ދޭ ފައިސާއަކީ ޕާޓީގެ ވެރިން ބޮޑެތި މުސާރަ ނެގުމަށް ދޭ ފައިސާއެއް ނޫންކަމަށާއި، އެއީ ޕާޓީގެ ހަރަކާތްތަކަށް ހަރަދުކުރަން ދޭ ފައިސާ ކަމަށެވެ.
ފަލާހު ސިފަކުރެއްވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކެންޑިޑޭޓުން ނެރެގެން އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ރާއްޖެއަށް ގެއްލުންދީ ގައުމު ހަލާކުކުރުމުގެ މަސައްކަތެވެ.
Ads by MACL
