ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްވެރިން ކިރުވި މަހަށް މިހާތަނަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްވެރިން ކިރުވި މަހަށް މިހާތަނަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މި ހިނގާ ފެބުރުއަރީ މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފި އެވެ.

އާންމުކޮށް ކޮންމެ ދުވަހަކު ވެސް މިފްކޯ އިން މަސްވެރިންނަށް ދޫކުރަމުންދާ ފައިސާގެ ތަފްސީލުތައް މީޑިޔާއާ ހިއްސާކުރަމުން އަންނައިރު، އެ ކުންފުނިން ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ 21 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް ޖަމާކުރީ 914،323ރ. (ނުވަ ލައްކަ ސާދަ ހާސް ތިން ސަތޭކަ ތޭވީސް ރުފިޔާ) އެވެ.

މިއާއެކު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް 13،819،193.30ރ. (ތޭރަ މިލިއަން އަށްލައްކަ ނަވާރަ ހާސް އެއްސަތޭކަ ނުވަދިހަ ތިން ރުފިޔާ، ތިރީސް ލާރި) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފަ އެވެ.

މީގެތެރެއިން، ކަޅުބިލަމަސް ކިރުވި ދޯނި ފަހަރަށް 11،613،739.30ރ. (އެގާރަ މިލިއަން ހަ ލައްކަ ތޭރަ ހާސް ހަތް ސަތޭކަ ތިރީސް ނުވަ ރުފިޔާ، ތިރީސް ލާރި) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 747،484ރ. (ހަތް ލައްކަ ސާޅީސް ހަތް ހާސް ހަތަރު ސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ. މީގެއިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 1،457،510ރ. (އެއް މިލިއަން ހަތަރު ލައްކަ ފަންސާސް ހަތް ހާސް ފައްސަތޭކަ ދިހަ ރުފިޔާ) ޖަމާކޮށްދީފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވި އެވެ.

އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެ އެވެ.

ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފަ އެވެ.

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ ޖަނަވަރީ މަހު އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ.

ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.