ޕްރިމިއާ ލީގު: ސެސްކޯގެ ހަމައެކަނި ލަނޑާއެކު އެވަަޓަން އަތުން ޔުނައިޓެޑަށް މުހިންމު މޮޅެއް
އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބެންޖަމިން ސެސްކޯ ކާމިޔާބުކުރި ލަނޑުން އެވަަޓަންގެ މައްޗަށް 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ކުރިހޯދައިފި އެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ސެސްކޯ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޔުނައިޓެޑަށް ޕޮއިންޓް ކަށަވަރުކޮށްދިން ތިންވަނަ ފަހަރެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ސެސްކޯ މި ލަނޑު ކާމިޔާބުކުރީ ކުޅެން އެރިތާ 13 މިނެޓު ތެރޭގަ އެވެ. މިއީ މެޗުގައި ފެނިގެންދިޔަ އެންމެ ރީތި ކުޅުމަށްފަހު ފެނުނު ހަމަ އެކަނި ލަނޑެކެވެ. މެތިއަސް ކޫންޏާ ފޮނުވާލި ދިގު ބޯޅައެއް ބްރަޔަން އެމްބިއުމޯ ކޮންޓްރޯލް ކުރުމަށްފަހު ދިން ރީތި ޕާހެއް، ސެސްކޯ ވަނީ އެވަަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
މެޗަށްފަހު ސްކައި ސްޕޯޓްސްއާ ވާހަކަދައްކަމުން ސެސްކޯ ބުނީ، އޭނާ ކުޅެން އެރީ ވެސް ޓީމު މޮޅުކޮށްދިނުމުގެ އަޒުމުގައި ކަމަށެވެ. އެގޮތުން މުހިންމު މެޗެއްގައި މުހިންމު ލަނޑެއް ކާމިޔާބު ކުރެވުމުންނާއި ޓީމަށް މޮޅެއް ހޯދައިދެވުމުން އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޔުނައިޓެޑްގެ އިންޓަރިމް ކޯޗު މައިކަލް ކެރިކް ބުނީ ސެސްކޯގެ ނިންމާލުން ވަރަށް ހިތްގައިމުވެފަ ފުރިހަމަ ކަމަށާއި، އޭނާ ލަނޑު ޖެހީ ވަރަށް ބޮޑު އިތުބާރަކާއެކު ކަމަށެވެ. އަދި ކޫންޏާ އާއި އެމްބިއުމޯގެ ފަރާތުން ފެނުނު ކުޅުމަށްވެސް ކެރިކް ވަނީ ތައުރީފުކޮށްފަ އެވެ. ޖެނުއަރީ 13 ގައި ރޫބެން އަމޮރިމްގެ ބަދަލުގައި ޓީމާ ހަވާލުވި ފަހުން ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވަނީ ބަލިނުވެ ހަ މެޗު ހަމަކޮށްފަ އެވެ.
މި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ ޗެލްސީ އާއި ލިވަޕޫލަށްވުރެ ތިން ޕޮއިންޓް އިތުރަށް ލިބިފަ އެވެ. ނަމަވެސް ތިންވަނައިގައި އޮތް އެސްޓަން ވިލާއަށްވުރެ ޔުނައިޓެޑް އޮތީ ތިން ޕޮއިންޓް ފަހަތުގަ އެވެ. އަނެއްކޮޅުން އެވަަޓަން އޮތީ ތާވަލުގެ ނުވަވަނައިގަ އެވެ. އެވަަޓަންގެ އާ ސްޓޭޑިއަމް ކަމަށްވާ ހިލް ޑިކިންސަން ސްޓޭޑިއަމްގައި އެ ޓީމުން ވަނީ މޮޅެއް ނުލިބި ހަތް މެޗު ހަމަކޮށްފަ އެވެ.
އެވަަޓަންގެ ކޯޗު ޑޭވިޑް މޮއިސް ބުނީ ޖުމްލަގޮތެއްގައި ޓީމުގެ ކުޅުން ރަނގަޅު ކަމަށާއި، ނަމަވެސް ޔުނައިޓެޑުން ކައުންޓަ އެޓޭކެއްގައި ލަނޑު ޖެހީ ކަމަށެވެ. އަދި ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެކަން ކާމިޔާބު ކުރުމަށް ބޭނުންވާ ފެންވަރު މެޗުގައި ނުދެއްކުނު ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
މި ދެޓީމަށް ބަލާއިރު، މިހާތަނަށް ކުޅުނު 27 މެޗުން ޔުނައިޓެޑަށް ލިބިފައިވަނީ 48 ޕޮއިންޓެވެ. އެއާއި އެކު އެޓީމު އޮތީ ތާވަލުގެ ހަތަރުވަނާގަ އެވެ. އަދި އެޓަން އޮތީ މިހާތަނަށް ކުޅުނު 27 މެޗުން ލިބުނު 27 ޕޮއިންޓާއި އެކު ނުވަ ވަނާގައި އެވެ.
Ads by MACL
