ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ސިއެޓްލްގެ ފޭން ޒޯންތައް އިއުލާންކޮށްފި

މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ސިއެޓްލްގެ ފޭން ޒޯންތައް އިއުލާންކޮށްފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، ސިއެޓްލްގައި ފުޓްބޯޅަ ސަޕޯޓަރުންނަށް ޚާއްޞަ ހަރަކާތްތައް ބާއްވާނެ މައިގަނޑު ސަރަހައްދުތައް އިންތިޒާމުކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ސިއެޓްލް ސެންޓަރ، ޕެސިފިކް ޕްލޭސް، ވޯޓަރފްރަންޓް ޕާކް އަދި ވިކްޓްރީ ހޯލް ހިމެނެއެވެ.

ސިއެޓްލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ "Let’s Play SEA ’26" ގެ ނަމުގައި އާއިލާތަކަށް ބައިވެރިވެވޭނެ ފަދަ ހަރަކާތްތަކެކެވެ. މި ސަރަހައްދުގެ މައި ހަބަކީ އާމަރީ ކަމަށްވާއިރު، އެތަނުގައި ބޮޑު ސްކްރީނެއް ބެހެއްޓިފައި ހުންނާނެ އެވެ. މީގެ އިތުރުން މިއުރަލް އެމްފިތިއޭޓަރ، ސްޕޭސް ނީޑްލް އަދި އިންޓަނޭޝަނަލް ފައުންޓަން ހިމެނޭ ސަރަހައްދުތަކުގައި ވެސް ތަފާތު ތަޖުރިބާތައް ސަޕޯޓަރުންނަށް ލިބިގެންދާނެ އެވެ.

ޕެސިފިކް ޕްލޭސްގައި "ސިއެޓްލް ސޮކަރ ހައުސް" ގާއިމުކުރެވޭއިރު، އެތަނުގައި ހަތަރު ބުރީގެ އިންޓީރިއާ އެލްއީޑީ ސްކްރީނަކާއި މައުލޫމާތު ދޭ ބޫތުތައް ހުންނާނެ އެވެ. ވޯޓަރފްރަންޓް ޕާކުގެ ޕިއަރ 62 ގައި ސިއެޓްލް ސައުންޑާސް އެފްސީ އާއި ރޭވް ފައުންޑޭޝަނާ ގުޅިގެން މެޗުތައް ބެލުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. އަދި ސޯޑޯގައި ހުންނަ ވިކްޓްރީ ހޯލުގައި 23 ފޫޓުގެ ބޮޑު ސްކްރީނެއްގައި މެޗުތައް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ސަރަހައްދުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖޫން 11 ގައެވެ. ސިއެޓްލްގައި ކުޅޭ ހަ މެޗު އޮންނަ ދުވަސްތަކުގައި މި ހަތަރު ސަރަހައްދުގައި އެއްފަހަރާ ގާތްގަނޑަކަށް 15,000 މީހުންނަށް ބައިވެރިވެވޭނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެ އެވެ. މީގެ އިތުރުން ޗައިނާޓައުން-އިންޓަނޭޝަނަލް ޑިސްޓްރިކްޓާއި ސެންޓްރަލް ޑިސްޓްރިކްޓްގައި ވެސް އިތުރު ހަރަކާތްތައް ކުރިއަށްދާނެ އެވެ.

ސިއެޓްލްގެ މޭޔަރު ކޭޓީ ވިލްސަން ވިދާޅުވީ، "ފުޓްބޯޅައަކީ މީހުން އެއްބައިކުރުވާ ކުޅިވަރެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންނަށް މަރުހަބާ ކިޔުމަށް ވަރަށް ފޯރިއާއެކު ތައްޔާރަށް ހުރި ކަމަށެވެ. ސިއެޓްލް އެފްޑަބްލިއުސީ 26 ގެ ސީއީއޯ ޕީޓާ ޓޮމޮޒާވާ ވިދާޅުވީ، މި ހަރަކާތްތަކަކީ އާންމުން ދިރިއުޅޭ އަދި މަސައްކަތްކުރާ ސަރަހައްދުތަކާ ގާތުން، ހިލޭ ބައިވެރިވެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ކަންކަން ކަމަށެވެ.

މި އިއުލާނާ ގުޅިގެން ވޮޝިންޓަންގެ އެހެން ނުވަ ސިޓީއެއްގައި ވެސް ފޭން ޒޯންތައް އުފެއްދުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ޓަކޯމާ، އެވަރެޓް، ބެލިންހަމް، އަދި ސްޕޯކޭން ފަދަ ސިޓީތައް ހިމެނެ އެވެ.