ވައުދުތައް ފުއްދޭނީ ސަރުކާރަށް މެޖޯރިޓީ ލިބިގެންކަން ޚުދު އެމްޑީޕީން ވެސް ގަބޫލުކުރޭ: ނަރީޝް
ސަރުކާރުގެ ވައުދުތައް ފުއްދޭނީ ސަރުކާރަށް މެޖޯރިޓީ ލިބިގެންކަން ޙުދު އިދިކޮޅު އެމްޑީޕީއިންވެސް ގަބޫލުކުރާކަމަށް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރ އަހުމަދު ނަރީޝް ރޭ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ނަރީޝް ވަނީ އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައިވެސް ކައުންސިލް އިންތިޚާބުތަކުގައާއި، މަޖިލިސް އިންތިޚާބުތަކުގައި ސަރުކާރަށް މެޖޯރިޓީ ލިބުމަށް ގޮވާލާކަން ފާހަގަކުރައްވާފައެވެ.
ނަރީޝް ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމު ގާއިމްކުރެވުނު ހިސާބުން އަބަދުވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ވާހަކަ ދެކެވޭ ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ފަސް އަހަރުގެ ދައުރެއް ލިބިގެންދާއިރު، އިދިކޮޅަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރު ހުއްޓުވަން މަސައްކަތް ކުރާ ކަމަށެވެ. އަދި ލޯކަލް ކައުންސިލްތައް މެދުވެރިކޮށްވެސް ސަރުކާރު ހުއްޓުވަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLމިއީ އިދިކޮޅުންވެސް ތަޖުރިބާ ކޮށްފައިވާ ކަންކަން ކަމަށް ނަރީޝް ވިދާޅުވިއެވެ. އެގޮތުން އެޕާޓީއާ އިދިކޮޅު ކައުންސިލްތަކަށް ކަންކަންކޮށް ނުދިނުމާއި، އަދި ކައުންސިލްތަކުން ސަރުކާރާ އެއްބާރުލުންދޭން ބޭނުން ނުވުމާއި، އާޚިރުގައި މި ޚިޔާލު ތަފާތުވުންތަކުގެ ގެއްލުން ލިބިގެންދަނީ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ނަރީޝް ވިދާޅުވިއެވެ.
ގއ. ވިލިނގިލީގައި ބަނދަރު ތަރައްގީކުރާތާ 13 އަހަރު ވެފައިވާކަން ފާހަގަކުރައްވައި ނަރީޝް ވިދާޅުވީ މި ސަރުކާރު އައި ފަހުން އެ ރަށުގެ ބަނދަރުގެ މަސައްކަތް މިހާރު ސްޕީޑު އަވަސްކޮށް ފުދޭވަރަކަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
ނަރީޝް ވިދާޅުވީ ރައްޔިތުންގެ އަސާސީ ބޭނުމަކަށް މިހަދާ ލަފާފުރާ ބަނދަރުފަދަ ތަންތަނުގެ މަސައްކަތް ހުއްޓޭނެމަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރާ އެކީގައި މަސައްކަތްކުރާނެ، ސަރުކާރާ އެކީގައި ވާގިވެރިވާނެ ކައުންސިލްތަކެއް އަންނަންޖެހޭ ކަމަށާއި ސަރުކާރަށް އެ މެޖޯރިޓީ ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ސަރުކާރާ އެއްކޮޅު ކައުންސިލްތަކެއް ގެންނަންޖެހޭކަން އިދިކޮޅުންވެސް ގަބޫލުކުރާކަމަށް ނަރީޝް ވިދާޅުވިއެވެ.
މީގެ އިތުރުން ނިމިދިޔަ ހަފްތާގައި ކޮންގްރެސް ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ކުރިއަށްގެންދިޔަ މަސައްކަތްތައް ފާހަގަކުރައްވައި ނަރީޝް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކެމްޕޭނުގެ ޑޯ-ޓު-ޑޯ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ކެމްޕޭނުގެ މަސައްކަތްތަކެއް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާކުރެއްވުމުގެ ފުރުސަތު ލިބުމަކީ ރައްޔިތުންވެސް ވަރަށް ބޮޑަށް ބަލައިގަތް ކަމެއްކަމަށް ނަރީޝް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާއިރު، ކޮންގްރެސް ޕާޓީއިން ދަނީ އިންތިޚާބަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ.
Ads by MACL
