ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެސްޓޯނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އެސްޓޯނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އެސްޓޯނިއާގެ 108 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލް އަދި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދަކީ އެސްޓޯނިއާގެ 108 ވަނަ މިނިވަން ދުވަހެވެ. މި ދުވަސް އެ ގައުމުގައި ފާހަގަކުރަނީ ކޮންމެ ފެބްރުއަރީ މަހެއްގެ 24 ވަނަ ދުވަހުގަ އެވެ.

މި ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ ގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސްއަށާއި، ބޮޑުވަޒީރުގެ އިތުރުން އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ. އަދި ކުރިއަށް އޮތް އަހަރަކީ އެސްޓޯނިއާގެ ރައްޔިތުންނަށް ބާއްޖަވެރި އަދި ފާގަތި އަހަރަކަށްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފަ އެވެ.

ރާއްޖެއާއި އެސްޓޯނިއާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން މިވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ މިގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޑިޖިޓަލް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އެސްޓޯނިއާއަށް ކުރެއްވި މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްޓޯނިއާގެ ކުރިއެރުންތައް ބައްލަވާ، ރާއްޖޭގެ ފަންނިއްޔާތުގެ ދައިރާ ކުރިއެރުވުމަށް އެ ޤައުމުގެ އެހީތެރިކަން ހޯއްދެއްވުމަށް ނިންމަވާފައެވެ. އަދި އެޤައުމުންވެސް ވަނީ ރާއްޖެއަށް އެހީވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

މީގެއިތުރުން އެސްޓޯނިއާގެ ސަރުކާރާއި އެޤައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. މިގޮތުން މި ދަތުރުފުޅުގައި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.

އޭގެތެރޭގައި ހިމެނެނީ ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ދެޤައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމާއި، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްއާ ދެމެދު ސޮއިކުރެއްވި އެއްބަސްވުމެވެ.