ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުއިއްޒަކީ އިންތިޚާބެއް ނެތަސް ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާ ވެރިއެއް: ޝިޔާމް

ރައީސް މުއިއްޒަކީ އިންތިޚާބެއް ނެތަސް ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާ ވެރިއެއް: ޝިޔާމް

ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުއިއްޒަކީ އިންތިޚާބެއް ނެތަސް ގައުމުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާ ވެރިއެއް ކަަމަށް ޕީއެންސީގެ ނައިބު-ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން ގަލޮޅު އުތުުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ދެއްވި ބަސްދީގަތުމެއްގައި ޝިޔާމު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުން ފެންނަނީ އެމަނިކުފާނުގެ އިހުލާސްތެރި ހެޔޮ ނިޔަތް ކަމުގަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ފިތުނަ އުފެއްދުމަށް ކަމުގައި ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވައި އެ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވަނީ ވަކި އިންތީޚާބެއް ނުވަތަ ރައްޔިތުންގެ ފަރާތުން ކަމެއް ބޭނުންވީމަ ނޫން ކަމަށާއި ރައީސަކީ އިންތިހާބެއް ނެތަސް ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާ ވެރިއެއް ކަަމަށެވެ.

"ރައީސް ރައްޔިތުންނާި ބައްދަލުކޮށް އެ ރައްޔިތުންގެ ކަންބޮޑުވުން އަޑުއަސަވަނީ ކޮންމެހެން އިންތިޚާބެއް ކައިރިވީކަމާ ނޫން. ރައީސް ޑރ މުހައްމަދު މުއިއްޒަކީ އަބަދު ވެސް އިންތިޚާބެއް ނެތަސް ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާ ވެރިއެއް." ވަޒީރު ވިދާޅުވި އެވެ.

މާލެ ހިޔާ އަދި ސިނަމާލެ ފުލެޓުތަކުގެ ރައްޔިތުންނަށް ދެއްވަން ރައީސް ނިންމެވި އިނާޔަތް ދެއްވަން ނިންމެވީވެސް އެގޮތުގެ މަތިން ރައްޔިތުންނާ ބައްދަލުކުރައްވަައި، އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް އޮޅުންފިލުއްވުމަށްފަހު، އެ ރައްޔިތުންގެ ހާލަތަށް ރިއާޔަތްކުރައްވައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަން ރައީސަށް ފެނިވަޑައިގަތުމުން ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ ވެރިކަމުގެ މިހާ ކުރީކޮޅުގައި ކުރީގެ އެއްވެސް ވެރިޔަކު ރައްޔިތުންނާ ބައްދަލުކުރައްވާފައި ނެތް މިންވަރަށް އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ބައްދަލުވުންތަކުގައި ރައްޔިތުންގެ ފަރާތްޕުޅުން ރައީސަށް ލިބިވަޑައިގަންނަވާ ހިޔާލުތަކުގެ މައްޗަށް ބިނާކުރައްވައި މެނިފެސްޓޯގައި ހިމެނޭ ބައެއް ސިޔާސަތުތަކާއި ތަރައްގީގެ މަޝްރޫއުތަކަށްވެސް ގެންނަވަންޖެހޭ ބަދަލުތައް އެމަނިކުފާނު ގެންނަވާ ކަމަށެވެ.

"މާލެ ސިޓީގައި މިހާ ތޮއްޖެހިފައި އޮތް ތަނެއްގައި އެންމެ ބޮޑު ކަންބޮޑުވުމަކަަށް މިއޮންނަނީ ބޯހިޔާވަހިކަން. އަދި ދިރިއުޅުމުގެ ހަރަދުތައް ހުންނަ ގޮތުން ބޯހިޔާވަހިކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވެފައިވާތީ އަބަދުވެސް ރައްޔިތުން އެދޭ ކަމެއް ސަރުކާރުތަކުން ރައްޔިތުންގެ ދިރިއުޅުމަށް އެކި ކަހަލަ ލުއިތައް. އެގޮތުން ތިޔަ ވިދާޅުވި ބޭފުޅުންނަށްވެސް އެ ލުއި އެމަނިކުފާނު ދެއްވީ،" ވަޒީރު ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މި ލުއިތަކަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރައްޔިތުންނަށް ފޯރުކޮށްދެވެން ހުރި ލުއިތަކެއް ކަމުގައިވީ ނަމަވެސް އެ ލުއިތައް ކުރީގައި އޮތީ ފޯރުކޮށްނުދެވި އެވެ. އަދި ހެޔޮ ނިޔަތުގައި ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅުގެ ހަގީގަތް އޮޅުވާލައި ފިތުނަ އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ރައީސްގެ މަސައްކަތް އާއްމުން ބަލައިގަންނާތީ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ ޕީއެންސީއަށް އިންތިހާބާ ނުލައި ގިނަ ގޮނޑިތަކެއް ލިބުމުގެ ސިއްރަކީ ރައީސް ޑރ.މުޢިއްޒު ކުރައްވަމުންދާ ގައުމީ މަސައްކަތަށް އޮތް ތާއީދާއި ރައްޔިތުންގެ އިތުބާރު ކަމަށެވެ.