ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީއަކީ އެއްވެސް އިރެއްގައި ދިވެހިންނަށާއި ދިވެހި ފަސްގަނޑަށް ހެވެއް އެދިގެން އުޅުނު ބައެއް ނޫން: މުޙައްމަދު އިސްމާއީލް

އެމްޑީޕީއަކީ އެއްވެސް އިރެއްގައި ދިވެހިންނަށާއި ދިވެހި ފަސްގަނޑަށް ހެވެއް އެދިގެން އުޅުނު ބައެއް ނޫން: މުޙައްމަދު އިސްމާއީލް

އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށް ވަކާލާތު ކުރަމުން ގެންދާ އެމްޑީޕީއަކީ އެއްވެސް އިރެއްގައި ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހި ފަސްގަނޑަށް ހެވެއް އެދިގެން މަސައްކަތް ކުރި ބައެއް ނޫން ކަމަށާއި، އެ ޕާޓީއަށް ބާރު ލިބުމުން ކުރާހާ ވެސް ކަމަކީ އަމިއްލަ އަންބޮނޑި ބޮޑުކުރުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ، ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިސްމާއީލް ފާހަގަކުރި ގޮތުގައި އެމްޑީޕީގެ އާރާއި ބާރު އޮތް ދުވަސްވަރު، އިންތިހާބުތައް އެއްކުރުމަކީ އެންމެ މޮޅު ގޮތް ކަމަށް އެ ބޭފުޅުން ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. އަދި ކައުންސިލްތައް ސަރުކާރަށް ދިނުމަކީ ރައްޔިތުންނާއި ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވެސް އެ ދުވަހު އެމްޑީޕީން ވަކާލާތު ކުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިއަދު ރައްޔިތުންގެ ތާއީދު ނެތި ބާރުވެރިކަން ގެއްލިދިއުމުން، އަނބުރާ އެ ބާރުވެރިކަން އިޔާދަކުރުމަށްޓަކައި ހީލަތްތެރި ރޭވުންތަކެއް ރާވަމުންދާ ކަމަށް އިއްސެ ތުހުމަތު ކުރެއްވި އެވެ. މިހާރު އެމްޑީޕީން ގޮވަމުންދާ ގޮވެލިފައްޗާމެދު ދިވެހި ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީއަކީ އެއްވެސް އިރެއްގައި ދިވެހިންނަށް، ދިވެހި ފަސްގަނޑަށް ހެވެއް އެދިގެން ކުރި އެއްވެސް ކަމެއް ފެންނަން އޮތް ޕާޓީއެއް ނޫން،" އިއްސެ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވެރިކަމުގެ ބާރު ލިބުމުން އެ ބޭފުޅުން ކުރާހާވެސް ކަމަކީ އަމިއްލަ އަންބޮނޑި ބޮޑުކުރުންކަން ދިވެހި ރައްޔިތުންނަށް މިއަދު ވަރަށް ރަނގަޅަށް ސާފުވާން ޖެހޭނެ ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަމުން އިސްމާއީލް ވަނީ އެމްޑީޕީގެ ސިޔާސީ މަގުސަދުތަކާ މެދު ސުވާލު އުފައްދައި، އެ ޕާޓީގެ އަމަލުތައް ހުންނަނީ ހަމައެކަނި އަމިއްލަ މަންފާއަށް އިސްކަންދޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.